އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ އުފައްދަވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ވަކި ޕާޓީއެއް ކަމަށާއި އެޕާޓީ ވަކި ޕާޓީއެއްގެ ގޮތުގައި ކުރިއަށް ދާނެ ކަމަށް، ކޮންގްރެސް ޕާޓީގެ ވަގުތީ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ސުޕްރީމް ކޯޓުން ވަނީ ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ނިންމާފައެވެ. މީގެ އިތުރުން އެ ޕާޓީގެ މިލްކުވެރިކަމުގެ މައްސަލައެއްވެސް ސުޕްރީމް ކޯޓުގައި ހިނގަމުން އެބަދެއެވެ.

ސުޕްރީމް ކޯޓުން އިއްޔެ ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަން ނިންމުމުން ވެސް ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކުރުމައިގެން އަދިވެސް ކުރިއަށް ދާނަންތޯ "ސަން" އިން ސުވާލު ކުރުމުން ކޮންގްރެސް ޕާޓީގެ ވަގުތީ ނައިބު ރައީސް ސައިދު ވިދާޅުވީ، އެޕާޓީ އަކީ ވަކި ޕާޓީ އެއް ކަމަށާއި އެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ކަންތައް ކުރިއަށް ދާކަމަށެވެ.

"ކޮންގްރެސް ޕާޓީ ކުރިއަށް އެބަދޭ ރަޖިސްޓްރީ ކުރުމުގެ ކަންތައް. އެއީ ހަމަ ވަކި ޕާޓީއެއް ދެއްތޯ. ޕީޕީއެމް އެއް ނޫނެއް ނޫންތޯ އެއީ،" ސައީދު ވިދާޅުވިއެވެ.

ޕީޕީއެމް ރައީސް ޔާމީން އަށް ލިބިވަޑައިގެންނެވި ނަމަވެސް ކޮންގްރެސް ޕާޓީގެ މަސައްކަތްތައް ކުރިއަށް ދާނެ ތޯ ސުވާލު ކުރުމުންވެސް ސައީދު ވިދާޅުވީ، މިއީ ދެ ޕާޓީ އެއް ކަމަށެވެ. އިތުރު ތަފްސީލެއް ސައީދު ނުދެއްވައެވެ.

"ކޮންގްރެސް ޕާޓީ އާއި ޕީޕީއަކީ ދެ ޕާޓީއެއް،" ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައިދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް މުހައްމަދު ސައީދު "ސަން"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން: އެނާ ވިދާޅުވަނީ، ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ އަކީ ދެ ޕަޓީއެއް ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮންގްރެސް ޕާޓީ މުއައްސިސް އަދި މިހާރު އެޕާޓީގެ ވަގުތީ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް މީގެ ކުރިން ވިދާޅުވެފައިވަނީ، ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ޕީޕީއެމްގެ ލީޑާޝިޕްގައި ތިބި ފަރާތްތަކުން އާ ޕާޓީއެއް އުފައްދަން ޖެހުނީ ޕީޕީއެމްގެ ލީޑާޝިޕާ ގުޅޭ ގޮތުން މައްސަލަތައް އުފެދި ކޯޓު މަރުހަލާ ދިގުލައިގެން ދިއުމުން ކަމަށެވެ.

އަދި ޕީޕީއެމްއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ބަލަމުން އަންނަ މައްސަލަ ރައިސް ޔާމީންއާ އެއްކޮޅަށް ނިމުނު ނަމަވެސް ޕީޕީއެމް އަށް އަލުން އެނބުރި ދިއުމުގެ ވިސްނުމެއް ނެތް ކަމަށް އަދުރޭ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގެ ތެރެއިން އެޕާޓީގެ ވަގުތީ ރައީސް އަދުރޭ(ވ) އާއި ވަގުތީ ނައިބު ރައީސް ސައިދު(ކ)، ރައީސް ޔާމީން އާއެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޕީއެންސީ ރަޖިސްޓްރީ ވެއްޖިއްޔާ އަޅުގަނޑުމެން ތިބޭނީ މި ޕާޓީގައި. ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕަކީ ސައްހަ ލީޑާޝިޕެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި ނަމަ އެ ޕާޓީ ވެސް އޮންނާނެ. އަޅުގަނޑުމެނަށް ދެން ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެން ވެސް މަސައްކަތް ކުރެވޭނެ ނޫން ތޯ،" ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދުރޭ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރުމަށް ބާއްވާ ޖަލްސާ މިދިޔަ އާދިއްތަ ދުވަހު ކޮންގްރެސް ޕާޓީން ވަނީ 357 މެމްބަރުންނާއެކު ދަރުބާރު ގޭގައި ބާއްވާފައެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެންނަވި މި ޖަލްސާގައި އެޕާޓީގެ ވަގުތީ ރައީސް އާއި ނައިބު ރައީސުން އަދި ވަގުތީ ހިންގާ ކޮމެޓީ އެއް ވަނީ އިންތިހާބު ކޮށްފައެވެ.

އަދި ވަގުތީ ހިންގާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ އެޕާޓީގެ ސެކެޓްރީ ޖެނެރައާއި ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު މިއަދު ކަނޑައަޅާފައެވެ.