(ކޮލޮމްބޯ، ސްރީލަންކާ):

ސްރީލަންކާގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެގައުމަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހަށް ކޮލޮމްބޯގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ.

ރައީސް ދަތުރުކުރެއްވި ސްރީލަންކަން އެއާލައިންސްގެ ފްލައިޓުގައި ދަތުރުކުރެއްވި ހުރިހާ ފަސިންޖަރުންނާ އެމަނިކުފާނު ވަނީ ގާތުން ބައްދަލުކުރައްވާފައެވެ. އެގޮތުން ފްލައިޓު ދަތުރުކުރަމުން ދިޔަ ވަގުތު އެމަނިކުފާނު ފްލައިޓުގެ ކެބިންގައި ހިންގަވައި، ފްލައިޓުގައި ތިބި ފަސިންޖަރުންގެ ގާތަށް ވަޑައިގެން ހާލު އަހުވާލު އެއްސެވިއެވެ. އަދި ބައެއް ފަސިންޖަރުންނާއެކު ސެލްފީވެސް ނެންގެވިއެވެ.

ކޮލޮމްބޯގައި ދިރިއުޅޭ ދިވެހީންނާ ރައީސް ސޯލިހު މިއަދު ހަވީރު ބައްދަލުކުރައްވާނެއެވެ. އެ ބައްދަލުކުރެއްވުން އޮންނާނީ ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީގައެވެ.

ލަންކާގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު ކޮލޮމްބޯގެ ގޯލް ފޭސްގައެވެ. އަދި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މާދަމާ ރޭ ދެއްވާ ރަސްމީ ފަރީއްކޮޅުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ދައުވަތުފުޅަކަށް ރައީސް ސޯލިހު ސްރީލަންކާއަށް ކުރައްވަނީ ތިން ދުވަހުގެ ދަތުރުފުޅެކެވެ. އަންގާރަ ދުވަހު ރައީސް ސޯލިހުއާއި އެމަނިކުފާނުގެ އަރިހުގައި ދަތުރުކުރައްވާ ވަފުދުގެ ބައިވެރިންނާ ރައީސް ސިރިސޭނާ ބައްދަލުކުރައްވާނެއެވެ. އަދި ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައްވެސް އެދުވަހު ކުރިއަށް ގެންދަވާނެއެވެ.

އެމަނިކުފާނު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރެއެވެ.