04 Feb 2019, 09:14
ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ޒީޓީވީގެ ޑާންސް ޝޯ "ޑާންސް އިންޑިއާ"ގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ނެށުންތެރިޔާ ސަލްމާން ޔޫސުފް ޚާނުގެ މައްޗަށް ކޮށްފި އެވެ.
ކޮރިއޯގްރަފާއެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ސަލްމާނަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ އެ ދާއިރާގައި މަސައްކަތްކުރާ އަންހެނެކެވެ.
ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި އެ އަންހެން މީހާ ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
އެ އަންހެން މީހާއާ ހަވާލާދީ ބޭރުގެ ރިޕޯޓްތައް ބުނަނީ ދުބާއީގައި އޮންނަ ޝޯއަކުން ސަލްމާން އޭނާއަށް ފުރުސަތުދިން ކަމަށާއި އޭގެ ފަހުން ސަލްމާން މަސައްކަތްކުރީ އޭނާއަށް ޖިންސީ ގޯނާ ކުރުމަށް ކަމަށެވެ.
އަދި ޖިންސީ ގުޅުމާ ބެހޭ ތަފާތު އެކި އެކި ވާހަކަ ވެސް ސަލްމާން އޭނާ ގާތު ދެއްކި ކަމަށް އަންހެން މީހާއާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
އަތްނބަކާއި ދަރިއެއް ހުރި ސަލްމާން އެކަމާ ގުޅިގެން އަދި އެއްވެސް ވާހަކައެއް މިހާތަނަށް ދައްކާފައެއް ނުވެ އެވެ.
އޭނާ ވަނީ ރެމޯ ޑި ސޫޒާ ޑައިރެކްޓްކުރި "އޭބީސީޑީ"އިން ފެނިގެން ގޮސްފަ އެވެ.