04 Feb 2019, 15:23
މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުންދޭ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީ އިން މިއަދު ބުނީ އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 14 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަިއވާ ކަމަށެވެ.
ރެހެންދި އެވޯޑަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ޖެންޑާ މިނިސްޓްރީންދޭ އަންހެނުންނަށް ދޭ ހާއްސަ އެވޯޑެކެވެ.
ރެހެންދި އެވޯޑަށް އަމިއްލަ ގޮތުންނާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި މުވައްސަސާ، އޮފީސް އަދި ކުންފުނިތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
މި އެވޯޑަށް ކުރިމަތިލާ ފަރާތްތައް ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީ އިން ކަނޑައަޅާ ހާއްސަ ކޮމެޓީ އަކުންނެވެ. ރެހެންދި އެވޯޑުގެ ގޮތުގައި ދޭނީ ޖެންޑާ މިނިސްޓްރީ އިން ދޭ ހާއްސަ ޝީލްޑަކާއި ގައުމީ އެކި މުނާސަބަތުތަކުގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ބްރޫޗެކެވެ.
މިފަހަރުގެ ރެހެންދި އެވޯޑު ދެ ދާއިރާ އަކުން ދޭން ނިންމާފައިވެ އެވެ. އެއީ އަންމު ފަރުދުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ކެޓަގަރީ އާއި މުވައްސަސާތަކުންނާއި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާ ފަރާތްތަކުގެ ކެޓަގަރީ އެވެ. ޖުމްލަ ހަތް ދާއިރާ އަކުން މިއަހަރު ރެހެންދި އެވޯޑް ދެ އެވެ.