06 Feb 2019, 16:17
ޖަލުގައި ތިބޭ ގައިދީންނަށް ފަރުވާދޭން ދަތުގެ ޑޮކްޓަރުން ޖަލަށް ގެންދަން ނިންމައިފިއެވެ.
ކަރެކްޝަލް ސާވިސްއިން ބުނީ ޖަލުގައި ތިބޭ ގައިދީން އެންމެ ބޮޑަށް ފަރުވާ ހޯދަން އެދެނީ ހަމުގެ ބަލިތަކަށާއި ދަތުގެ ބަލިތަކަށް ކަމަށެވެ.
ގައިދީންނާއި ބަންދުމީހުނަށް ދަތުގެ ފަރުވާގެ ހިދުމަތް ފޯރުކޮށްދޭނޭ ފަރާތްތައް ހޯދުމަށް ކަރެކްޝަލް ސާވިސްއިން މިހާރު ވަނީ އާންމުކޮށް އިއުލާންވެސް ކޮށްފައެވެ.
އާ ސަރުކާރު ވުޖޫަދަށް އައުމަށް ޖަލުގެ މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޖަލުގައި ތިބޭ ގައިދީންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ދޭނެ ކަަމަށް ޖަލުތައް ބަލަހައްޓަމުންދާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.
އައިޖީއެމްއެޗުގައި ގައިދީންނަށް ފަރުވާ ދިނުމަށް ހާއްސަ ދެ ކޮޓަރި ހަމަޖައްސައި، ގައިދީންނަށް ފަރުވާ ދިނުމަށް ޖަލަށް ސްޕެޝަލިސްޓް ޑޮކްޓަރުން ގެންދިއުމަށް އައިޖީއެމްއެޗާއި ކަރެކްޝަނަލް ސާވިސްއާ ވަނީ އެއްބަސްވުމެއްވެސް ހަދައިފައެވެ.
އައިޖީއެމްއެޗުގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ވިދާޅުވީ އައިޖީއެމްއެޗު އިން ކަރެކްޝަންސް ސާވިސް ގުޅިގެން ގައިދީންނަށް ހިދުމަތް ދޭން ފެށުމުން އެ ހިދުމަތްތައް ވަރަށް ބޮޑަށް ރަނގަޅުވެ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަށް ވެސް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.