މި މަހުގެ މިހާތަނަށް ފ. ފީއަލީގައި އަށް މީހަކަށް ޑެންގީ ހުން ޖެހުނު ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.

ފިއަލީގައި ޑެންގީ ހުން ފެތުރިފައިވުމުން އެކަމާ ގުޅިގެން މިއަދު އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މަހު އެ ރަށުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި އަށް މީހުންނަށް ވެސް ޑެންގީ ހުން ޖެހުނީ މި މަހުގެ ފަހަކާއި އަށަކާ ދެމެދުގައި ކަމަށެވެ. އަދި އޭގެ ކުރިން ދެ މީހަކަށް މި އަހަރުގެ ތެރޭގައި ޑެންގީ ހުން ޖެހުނު ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ފީއަލީގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމުގެ މައުލޫމާތު ލިބުމާ އެކު ފ. އަތޮޅު ހޮސްޕިޓަލުން އިއްޔެ އެ ރަށަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ފޮނުވާފައިވާ ކަމަށެވެ.

އެ އެޖެންސީއިން ބުނީ އިއްޔެ މާލެ ގެނައި ހަ ކުދިންގެ ތެރެއިން އެއް ކުއްޖަކީ ސީރިއަސް އެހެން މައްސަލަތަކެއް ހުރި ކުއްޖެއް ކަމަށެވެ. އަދި އެ ހަ ކުދިން އައިޖީއެމްއެޗަށް ގެންގޮސްފައިވާ އިރު އޭގެ ތެރެއިން ހަތަރު ކުދިން އެ ހޮސްޕިޓަލުގައި އެޑްމިޓު ކުރި ކަމަށާއި އޭގެ ތެރެއިން ޑެންގީ ހުން ޖެހިފައި ވަނީ ދެ މީހުންނަށް ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން މިހާރު ވެސް ޑެންގީ ޖެހިގެން ފިއަލީ ހެލްތް ސެންޓަރުގައި ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ފީއަލީ ސިއްހީ މަރުކަޒާއި ކައުންސިލް ގުޅިގެން ރަށުތެރޭގައި ފެން ހަރުލާފައި ހުންނަ ތަންތަން އާންމުކޮށް ސާފުކޮށް ފޮގް ކުރާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެ އެޖެންސީން އެދިފައި ވަނީ އާންމު ރައްޔިތުންވެސް މަދިރި އާލާވާގޮތަށް ފެން ހަރުުލާފައި ހުންނަ ތަންތަން ސާފުކޮށްދިނުމަށެވެ.

ފީއަލީގައި ޑެންގީ ހުން ފެތުރިފައިވާ އިރު އެ ރަށު ސްކޫލު ވެސް މިހާރު ހަފްތާއަކަށް ބަންދުކޮށްފައިވާ ކަމަށް އެ ރަށުު ކައުންސިލުގެ ނައިބު ރައީސް މޫސާ އަހުމަދު ވަނީ "ސަން"އަށް ވިދާޅުވެފަ އެވެ.