11 Feb 2019, 09:04
ރ. ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެރަށަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް ފޮނުވައިފި އެވެ.
ހުޅުދުއްފާރަށް ކަރަންޓު ދެމުންގެންދިޔަ ތިން އިންޖީނުގެ ތެރެއިން 250 ކިލޯވޮޓްގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން މެދުނުކެނޑި ކަރަންޓް ފޯރުކޮށްދިނުމަށް ވަނީ ދަތިތަކެއް ކުރިމަތި ވެފައެވެ.
އެ މައްސަލަ ހައްލު ކުރުމަށްޓަކައި 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް، ފެނަކަ ކޯޕަަރޭޝަން އިން އެރަށަށް ފޮނުވައިފައި ވަނީ އިއްޔެ އެވެ.
ފެނަކައިން ބުނީ، މި ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި މަސައްކަތް ރޭވިފައިވާގޮތަށް ކުރިއަށް ދާނަމަ މިއަދަށް މަސައްކަތް ނިންމައި އެ ޖަނަރޭޓަރުން ކަރަންޓު ދެވޭނެ ކަމަށެވެ.
އަދި ޖަނަރޭޓަރު ބެހެއްޓި، ކަރަންޓު ދޭންފެށުމުން ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވެ އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.