ހޮސްޕިޓަލު ފަދަ ތަންތަނަށް ވަދެ ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް ހިންގުން ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ އައިޖީއެމްއެޗްއަށް ގެންދިޔުމާ އެކު އެމަނިކުފާނުގެ ސަޕޯޓުން އިއްޔެ ވަނީ އެ ހޮސްޕިޓަލުގެ ތެރޭގައި އެއްވެފަ އެވެ. އެތަނުގެ ތެރޭގައި ސަޕޯޓަރުންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގައި ފުލުހުން ވަނީ ސަޕޯޓަރުންގެ ގަޔަށް ޕެޕާ ސްޕްރޭވެސް ޖަހައިފަ އެވެ.

އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ސްކޫލުތަކާއި ހޮސްޕިޓަލުތަައް ފަދަ ތަންތަނުގެ ތެރެއަށް އެއްވުމަކީ ސިޔާސީ ހަރަކާތް ހިންގުން ނޫން ކަމަށެވެ. އަދި އެފަދަ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ރައްކާތެރި ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ، އެފަދަ އެއްވުންތަކާ މެދު އަމަލު ކުރަން ޖެހޭ އުސޫލުން ބޭރުން ކަމެއް ކޮށްފައިވާ ނަމަ އެކަމެއް ހައްލު ކުރައްވާނެ ކަމަށެވެ.

އިއްޔެ ހޮސްޕިޓަލުގެ ތެރޭގައި ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން އެކަމާ ގުޅިގެން އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުން ކުރާ ހުރިހާ މައްސަލައެއް ބައްލަވާނެ ކަމަށެވެ.