ޕުރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އާއި ފުލުހުންގެ އެކްޓިން ކޮމިޝަނާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމެޓީއަކަށް ހާޒިރު ކުރުމަށް އިދިކޮޅު "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަނުން ހުށަހަޅައިފި އެވެ.

މިއަދު އިދިކޮޅު މައި ޕާޓީ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާ މެމްބަރު އަލީ އާރިފު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން އެ ދެ ބޭފުޅުން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރު ކުރުމަށް މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ބިޝާމް ހާޒިރު ކުރަން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށެވެ. އާރިފު ވިދާޅުވީ ބިޝާމް މަޖިލީހަށް ހާޒިރު ކުރަން މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނު އަސާސީގެ ހަތް މާއްދާއަކާ ހަވަލާދީ ކަމަށެވެ.

"ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ރައީސް ޔާމީނާމެދު އިންސާފުން އެއްކިބާވެ، ފުލުހުންގެ އިދާރާއިން ތަހްގީގްކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައަކީ ގާނޫނު އަސާސީގެ ހައްގުތައް ކަށަވަރު ކޮށްދިނުން، 17 ވަނަ މާއްދާ ތަފާތު ނުކުރުން، 19 ވަނަ މާއްދާގައި މަނާ ކުރެވިފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަން، 20 ވަނަ މާއްދާ ހަމަހަމަ ކަން، 33 ވަނަ މާއްދާ ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގު، 40 ވަނަ މާއްދާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު، 45 ވަނަ މާއްދާ ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުން އަދި 55 ވަނަ މާއްދާ މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުން،" ބިޝާމް މަޖިލީހަށް ހާޒިރުކުރާ ސަބަބު ބަޔާން ކޮށް އާރިފް ވިދާޅުވި އެވެ.

މިއަދު ޕީޕީއެމް އާއި ކޮންގްރެސް ޕާޓީން ބެއްވި ނޫސް ވެރިންގެ ބައްދަލުވުމުގެ ތެރެއިން އަލީ އަރިފު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މާއްދާތަކާ ހިލާފަށް ފުލުހުންގެ ފަރާތުން ހުށަހަޅައިގެން، ސިޔާސީ ބޭނުމަށްޓަކައި އުފުލައިފައިވާ ދައުވާއަކަށް ވާތީވެ، ޕީޖީ ބިޝާމް ރައްޔިތުންގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުމަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށް އާރިފް ވިދާޅުވިއެވެ.

ބިޝާމް ހާޒިރު ކުރުމަށް އެދި ހުށަހަޅައިފައިވަނީ "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަންގެ މަޖިލީހުގެ ތިން މެމްބަރުންނެވެ. އެމައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވީ އަރިފް އާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްސީ ހަމީދު ހާޒިރު ކުރަން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމިޓީ) އަށެވެ. އެމްސީ ހަމީދުވެސް މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅާއަިފއިވަނީ ގާނޫނު އަސާސީގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގާނޫނުގެ އެ ހަތް މާއްދާއާ ހަވަލާދީ ކަމަށް އާރިފު ވިދާޅުވިއެވެ.

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްސީ ހަމީދު ހާޒިރު ކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައިގައި ސޮއިކޮށްފައިވަނީ، އާރިފް އާއި ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކަމަށް އާރިފު ވިދާޅުވިއެވެ،

ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން، އެ ފައިސާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑާކުރުމާއި އެ ފައިސާ އާ ގުޅޭ ގޮތުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.

ޕީޖީން އެ މައްސަލަ ކުރިމިނަލް ކޯޓުގައި ދައުވާ ކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.