ބަތަލާ އާލިއާ ބަޓްއާއި އެކްޓަރު ރަންބީރު ކަޕޫރު ލޯބީގެ ގޮތުން ގުޅުމުން އެންމެ ގިނަ ބަޔަކު ކުރަމުން ދިޔަ ސުވާލަކީ އެ ގުޅުމަށް ރަންބީރުގެ ކުރީގެ ލޯބިވެރިޔާ އަދި އާލިއާގެ އެންމެ ގާތް އެކުވެރިޔާ، ކެޓްރީނާ ކައިފް ގަބޫލުތޯއެވެ.

ރަންބީރު އަދި އާލިއާގެ ގުޅުމުގެ ކުރީކޮޅު، އާލިއާއާއި ކެޓްރީނާގެ ގުޅުން ހީނަރުވެ އެ ދެމެދުގައި ނުތަނަވަސްކަމެއް އުޅުނު ކަމަށް ރިޕޯޓުތައް ބުންޏެވެ. ނަމަވެސް މިހާރު ދެމީހުން ވަރަށް ވެސް ގުޅެއެވެ.

ކެޓްރީނާ ވަނީ ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި އާލިއާއާ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ.

ކެޓްރީނާ ބުނީ ރަންބީރާއި އާލިއާ ޑޭޓް ކުރަން ފެށުމުން އެކަމާ ދޭތެރޭ ވިސްނާލަން އޭނާއަށް ވަގުތު ބޭނުންވި ކަމަށެވެ.

"ވިސްނާލުމުން އެނގުނީ އަހަރުމެން ދެމީހުންގެ އެކުވެރިކަން ބިނާވެފައި އޮންނަނީ އާލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހެއްގެ މައްޗަށް ނޫންކަން. އެހެންވީމަ އާލިއާ ކޮންމެ މީހަކާ ޑޭޓް ކުރިޔަސް އެކުވެރިކަމަށް ބަދަލު އަންނަންވީ ކީއްވެ؟" ކެޓްރީނާ ބުންޏެވެ.

ކެޓްރީނާ ބުނީ އާލިއާ އެ ދެމީހުންގެ އެކުވެރިކަން ފެށުނީ އާލިއާ އަދި ފިލްމީ ދާއިރާއަށް ނުކުތުމުގެވެސް ކުރިން ކަމަށެވެ. އަދި ގުޅުން ބަދަހިވެ އެންމެ ގާތް އެކުވެރިންނަށް ބަދަލުވީ އެކުގައި ޖިމަށް ދާން ފެށުމުން ކަމަށެވެ. އެހެންކަމުން އާލިއާ ކޮންމެ މީހަކާ ގުޅުނަސް ކެޓްރީނާ އަށް މައްސަލައެއް ނެތް ކަމަށާއި، ލޯބިވެރިއެއްގެ ސަބަބުން ދެމީހުންގެ އެކުވެރިކަމަށް ބަދަލު ނާންނާނެ ކަމަށް ކެޓްރީނާ ބުންޏެވެ.

ރަންބީރާއި ކެޓްރީނާ ވަކިވީ ހަ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުއެވެ. ރަންބީރާއި އާލިއާ އާދެމެދު ލޯބީގެ ގުޅުމެއް އުފެދުނީ، ދެމީހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު، "ބްރަހްމާޝްތުރަ"ގެ ޝޫޓިންގެ ތެރެއިންނެވެ.