މާލޭގައި ބިރުދައްކައިގެން ފޭރިގެން ހައްޔަރުކުރި ދެމީހުން ބަންދަށް ހަތް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާގައި މާފަންނު އަޅިވިލާމަގުން ހިނގައިފައި ދިޔަ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި އޭނާގެ އަތުން 840 ޑޮލަރު (12،952.8 ރުފިޔާ) ފޭރުނު ކަމަށެވެ.

އެ މައްސަލައިގެ ފުލުހުން ވަނީ 26 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފަ އެވެ.

ބިރުދައްކައިގެން މާލޭގައި ފޭރުނު އިރު ދާދި ފަހުން މާފަންނު، ފަތަހަ ސުންބުލި ކައިރިން ދެ ސައިކަލެއްގައި ދިޔަ ތިން މީހަކު ވަޅިން ބިރުދެއްކުމަށް ފަހު އެކްސްޕާޓް މޮޓޯސްގެ ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަނީ ފޭރިގެންފަ އެވެ.

އޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ރޫޓް ފިހަރައިން ބޭންކަށް ފައިސާ ޖަމާކުރަން ދަނިކޮށް ބިރު ދައްކައިގެން 300،000 ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ވަނީ ފޭރިގެންފަ އެވެ.