25 Feb 2019, 10:05
ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ހިމަނައިގެން، އިންދްރާ ކުމާރު ޑައިރެކްޓުކޮށް އުފައްދާފައިވާ ފިލްމު 'ޓޯޓަލް ދަމާލް' ފުރަތަމަ ހަފްތާ ބަންދުގައި ރަނގަޅު އާމްދަނީއެއް ހޯދައި ފެށުން ރަނގަޅުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އެ ފިލްމަށް ދެ ދުވަހުން 36.90 ކުރޯޑް(5،194،585އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ޓްރޭޑް އެނަލިސްޓު ތަރަން އާދަރްޝް ވަނީ ހާމަކޮށްފަ އެވެ.
އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދް ވާރްސީ، ޖާވެދް ޖާފެރީ، މާދުރީ ދިކްޝިޓް އަދި އަނިލް ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދާ އެ ފިލްމަށް ކުރިއަށް އޮތް ތަނުގައި ތަރުހީބު އިތުރުވާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ލަފާކޮށްފަ އެވެ.
ކްރިޓީކުންގެ މާ ރަނގަޅު ކޮމެންޓުތަކެއް ނުލިބުނު ނަމަވެސް އެ ފިލްމަށް އިންޑިއާއިން ބޭރުން ވެސް ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
އެ ފިލްމަކީ 'ދަމާލް' ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. ފިލްމަށް ލިބެމުން އަންނަ ތަރުހީބަކީ ފިލްމުގެ ސްޓާ ކާސްޓް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ޚާއްސަކޮށް ފިލްމުގައި ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ހިތްގައިމު އޮންސްކްރީން ޖޯޑު މާދުރީ އަދި އަނިލް އެކުގައި ފެނިގެން ދިއުން ހިމެނެއެވެ. 'ޓޯޓަލް ދަމާލް' އަކީ 17 އަހަރަށް ފަހު އެ ދެ ތަރިން އެކުގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ.