ޖަޕާންގެ ސުމޯ ރެސްލިންގް ކުޅޭ އެއްވެސް ކުޅުންތެރިއަކަށް ތުނބުޅި ނުބެހެއްޓޭ ގޮތަށް ގަވާއިދެއް އެގައުމުގައި ހަދައިފި އެވެ.

މީގެ ގާގަނޑަކަށް 1500 އަހަރު ކުރިން ފެށި މި ކުޅިވަރަކީ މިވަގުތު ދުނިޔޭގައި ވެސް ކުޅެމުންދާ އެންމެ ދުވަސްވީ އެއް ކުޅިވަރެވެ. މި ކުޅިވަރު ކުޅޭ ބައެއް ކުޅުންތެރިން ބުނާ ގޮތުގައި ތުނބުޅި ބެހެއްޓުމުގެ ސަބަބުން އެ ކުޅުންތެރިންނަށް ނަސީބު އިތުރުވެ އެވެ.

ނަމަވެސް ޖަޕާންގެ ސުމޯ ރެސްލިންގް، މި ކުޅިވަރާ ބެހޭ އެންމެ މަތީ އިދާރާއިން އެންމެ ފަހުން ނެރުނު ގަވާއިދުގައިވާ ގޮތުން މި ކުޅިވަރު ކުޅޭ އެއްވެސް ކުޅުންތެރިއަކަށް ތުނބިޅިއެއް ނުބެހެއްޓޭނެ އެވެ. އަދި ނިޔަފަތި ދިގު ވެސް ނުކުރެވޭނެ އެވެ. ގައިގައި ޓެޓޫ ވެސް ހުރެގެން ނުވާނެ އެވެ.

ސުމޯ ރެސްލިންގް ކުޅޭ ކުޅުންތެރިންތަކެއް -- ފޮޓޯ / ގެޓީ އިމޭޖެސް

"ސުމޯ ރެސްލިންގް އަކީ އެހެން ކުޅިވަރުތަކާ ޙިލާފަށް ޖަޕާންގެ ދީނީ ކަންކަމާ ވެސް ގުޅިފައިވާ ކުޅިވަރެއް. ވަރަށް މުހިއްމު ކަމެއް އެއީ ކުޅިވަރު ބެލުންތެރިންނަށް ކުޅުންތެރިން ސިފަ ހަޑި ނުވާނެ ގޮތަކަށް ބެހެއްޓުން. ތުނބުޅީގެ ސަބަބުން މީހާގެ ރީތިކަން ގެއްލޭ،" ސުމޯ ރެސްލިންގް އެސޯސިއޭޝަން (ޖޭއެސެއޭ) ގެ އިސްފަރާތް ކަމަށް ވާ އޮގުރުމާ ބުންޏެވެ.

ޖަޕާންގެ އާދަކައިދައިގައިވާ ގޮތުން ތުނބުޅި ބެހެއްޓުމަކީ މީހާ ހުތުރު ކުރުވާ ކަމެކެވެ. އެއާ އެކު އެ ގައުމުގެ ގިނަ މީހުން ތިބޭނީ ތުނބުޅި ބާލައިފަ އެވެ. ސުމޯ ރެސްލިންގް އަކީ އެ މީހުންގެ ސަގާފަތާއި ގުޅިފައިވާ ކަމަކަށްވާ އިރު އެގައުމުގެ ހުރިހާ އެންމެން ނަކީ ވެސް އެ ކުޅިވަރު ބަލާ މީހުންނެވެ.

ސުމޯ ރެސްލިންގް އަކީ ބޮޅެއް ތެރޭގައި ތިބޭ ދެކުޅުންތެރިން ވެގެން އެކަކު އަނެކަކާއި ވާދަކޮށް އެއް ކުޅުންތެރިއަކު ބޮޅުން ބޭރު ކުރުމުން މޮޅުވާ ކުޅިވަރެކެވެ. މި ކުޅިވަރަކީ ތަޅާފޮޅައިގެން ވެސް އެއް ކުޅުންތެރިއަކު ބޭރު ކުރަން ޖެހޭ ކުޅިވަރަކަށް ވާ އިރު މި ކުޅިވަރުގައި އާންމު ގޮތެއްގައި ބައިވެރި ވާނީ ޖާނުން ބޮޑެތި "ފަލަ" މީސް މީހުންނެވެ.