27 Feb 2019, 23:06
އިންޑިއާއާ ޕާކިސްތާނާ ދެމެދު މިހާރު ބަދަލުކުރަމުންގެންދާ ހަމަލާތަކާ ގުޅިގެން ދެ ގައުމުންވެސް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކަޝްމީރުގައި ދިން ވަރުގަދަ ހަމަލާއަށް ފަހު ދެ ގައުމުގެ ދެ މެދުގައި މައްސަލަ ގޯސްވެ ހަމަލާތައް ބަދަލުކުރަން ފެށުމުން ރާއްޖެއިން ވަރަށް ކަންބޮޑުވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ އަމަލެއްވެސް ކުއްވެރިކުރާ ކަމަށާއި އޭގެ ތެރޭގައި އެއްގައުމުގެ ބޯޑަރު ހުރަސްކޮށް އަނެއް ގައުމަށްވަދެ ދޭ ހަމަލާތައްވެސް ހިމެނޭ ކަމަށެވެ. އަދި ވަކި "ގައުމެއްް" ބަޔާން ނުކޮށް ބުނީ އެގައުމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން އެހެން ބުނި އިރު، އެމެރިކާއިން ވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް އެ ގައުމުގެ ސަރުކާރު ތެދުވުމަށް ގޮވާލައިފައެވެ. އަދި އިންޑިއާއިންވެސް ދަނީ ޕާކިސްތާނުން އެ ގައުމުގައި ހަރަކާތްތެރިވާ ޓެރެރިސްޓް ޖަމާއަތްތަކަށް މަދަދުދޭކަމަށް ބުނަމުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން އަަބަދުވެސް ބައިނަލްއަގުވާމީގޮތުން އެއްބާރުލުންދީ މަސައްކަތް ކުރާނެ ކަމަށެވެ.
އަދި އެ ސަރަހައްދުގައި ހަލޮބޮލިނުވާނެ ގޮތަށް ދެގައުމުންވެސް އަމަލުތައް ބަހައްޓައި، ސަރަހައްދުގެ ސުލްހައާ ހަމަޖެހުމަށް އިސްކަންދީ ވާހަކަ ދައްކައިގެން ވީހާވެސް އަވަހަށް ހައްލެއް ހޯދުމަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.
އިންޑިއާގެ ކަޝްމީރުގައި ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާއެއްގައި އިންޑިއާގެ 40 ސިފައިން މަރުވުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގެ މަސްރަހު ވަނީ ވަރަށް ބޯޑަށް ގޯސްވެފައެވެ. ޕާކިސްތާނުގެ ޖަމާއަތަކުން ދިން ހަމަލާއެއް ކަމަށް ބުނެ އިންޑިއާއިން ވަނީ އެގައުމަށް ހަމަލާވެސް ދޭން ފަށައިފައެވެ. އަދި ޕާކިސްތާނުން ރައްދުގައި ހަމަލާދީ އިންޑިއާގެ ފައިޓާ ޖެޓެއްވެސް މިއަދު ވަނީ ވައްޓާލައިފައެވެ.