ނޯވޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިއޭން ހާގެން މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އެކަމަނާއަށް ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާާ ދެންނެވީ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.

ނޯވޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ބައްދަލު ކުރުމަށްވަނީ ހަމަޖެހިފަ އެވެ.

ހާގެންގެ މި ދަތުރުފުޅުގައި ނޯވޭގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ވިޔަފާރީގެ ވަފުދެއްވެސް ބައިވެރިވެ އެވެ.

މި ދަތުރުގައި ހާގެން އަންނަ ހޯމަ ދުވަހު ތިލަފުއްޓަށް ޒިޔާރަތް ކުރައްވާނެ އެވެ. މިދަތުރަކީ ވޭސްޓު މެނޭޖުމެންޓުގެ ކަންތައް ކުރިއަށް ދާގޮތާއި މޫދަށާއި ކަނޑަށް ކުނިއެޅުމުން ކުރިމަތިވާނެ ގެއްލުންތަކާ މެދު މަޝްވަރާކުރެއްވުމަށް ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ކުރައްވާ ދަތުރުފުޅެކެވެ.

ހާގެން އާއި ޓީމުން ރާއްޖެ އާއި ނޯވޭއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދާއިރާތަކުގެ ސްޓޭކް ހޯލްޑަރުންނާ އެކު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ. ހާއްސަކޮށް ކަނޑުތައް ބެލެހެއްޓުމާއި އިގްތިސޯދީ ކުރިއެރުން، މެރިން ޕޮލިއުޝަން އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ކުރިން ވަނީނ ބުނެފަ އެވެ.

ދެގައުމުގެ ދެމެދު އޮންނަ ބައިލެޓްރެލް ގުޅުން ވަރުގަދަކޮށް ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމަށް ވެސް މި ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ އެވެ.