03 Mar 2019, 11:35
މިދިޔަ ހަފްތާ 16 ކޮންސްޓްރަކްޝަން ސައިޓެއް ފުލުހުން ބަލައި ފާސްކުރިކަމަށް އެ މުވައްސަސާ އިން ބުނެފިއެވެ.
ފުލުހުން ވަނީ ފުލުހުންގެ ނެއިބާހުޑް ސަޕޯޓް އޮފިސަރުންގެ މަސައްކަތްތައް ކުރިއަށް ދިޔަ ގޮތުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ 16 ސައިޓަކަށް އެޓެންޑު ވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 15 ތަނަކާއި ހުޅުމާލޭގެ އެއް ސައިޓު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސޭފްޓީ ކުޑަކަމުގެ ޝަކުވާ މިހާރު ވަނީ ބޮޑުވެފައެވެ. ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލް އަދި ފުލުހުންނާއި ޕްލޭނިން މިނިސްޓްރީ ގުޅިގެން ދަނީ އެ ކަންތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން ނެއިބާހޫޑް ފުލުހުން ވަނީ މިދިޔަ ހަފްތާ 281 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ 171 ސަރަހައްދަކާއި ހުޅުމާލޭގެ 32 ސަރަހައްދު އަދި ވިލިމާލޭގެ 78 ސަރަހައްދު ހިމެނެއެވެ.
މީގެ އިތުރުން ޓްރެފިކްގެ 35 މައްސަލައަށްވެސް ނެއިބާހުޑް ސަޕޯޓު ފުލުހުން މިދިޔަ ހަފްތާ ވަނީ އެޓެންޑު ވެފައެވެ. އެއީ މާލޭގައި 24 މައްސަލަ، ވިލިމާލޭގައި އެއް މައްސަލަ އަދި ހުޅުމާލޭގައި 10 މައްސަލައެކެވެ.
އެ މުއްދަތުގައި އިމިގްރޭޝަނުގެ ދެ މައްސަލައަކަށް ނެއިބާހުޑް ސަޕޯޓު ފުލުހުން އެޓެންޑުވިއިރު އެ ދެ މައްސަލައަކީވެސް މާލޭގައި އެޓެންދުވި ދެ މައްސަލައެވެ.
މާލޭ ސިޓީގެ އަމަންއަމާންކަން ބެލެހެޓުމެގެ ގޮތުން، އަށް ސަރަހަށްދަކަށް ބަހަލައި، އެ ސަރަހައްދުތަކުގައި ފުލުހުންގެ ސަޕޯޓިވް އޮފިސަރުން މަސައްކަތް ކުރާގޮތަށް ހަމަޖެއްސީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ދަށުންނެވެ.
މަސައްކަތުގެ ދަށުން މާލެ ހަތަރު ސަރަހައްދަކަށް، ހުޅުމާލެ ތިން ސަރަހައްދަކަށް އަދި ވިލިމާލެ ވަކި ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.