03 Mar 2019, 22:29
މިދިޔަ އަހަރު އުރީދުއަށް ލިބުނު ފައިދާގެ ތެރެއިން ހިއްސާ އަކަށް 3.22 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އިން ފާސްކޮށްފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި އެ ޖަލްސާގައި، ފައިދާގެ ގޮތުގައި ހިއްސާ އަކަށް 3.22 ރުފިޔާ ބަހަން ފާސްކޮށްފައި ވާއިރު މިދިޔަ އަހަރު އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 545 މިލިއަން ރުފިޔާ އެވެ. ހިއްސާގެ ގޮތުގައި ބަހަން ނިންމާފައި ވަނީ ފައިދާގެ 88 ޕަސެންޓެވެ.
މިރޭގެ ޖަލްސާ އަށް ހާޒިރުވެފައި ވަނީ 109 ހިއްސާ ދާރުންނާއި 48 ޕްރޮކްސީ އެވެ. މިއީ އުރީދޫ މޯލްޑިވްސް ގެ ހިއްސާ ދާރުންގެ 90.9 ޕަސެންޓެވެ.
ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން މިރޭ ވަނީ 2018 ވަނަ އަހަރުގެ މާލީ ރިޕޯޓް ތަކާއި އޮޑިޓް ރިޕޯޓު އަދި 2017 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ގެ ޔައުމިއްޔާ ވެސް ފާސްކޮށްފައެވެ.
އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓް ހިއްސާ އެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާއެވެ.
މިރޭގެ ޖަލްސާގައި އުރީދޫ އޮޑިޓް ކުރާނެ ފާމެއްގެ ގޮތުގައި ޖަލްސާގެ ހިއްސާދާރުންގެ ތާއީދާ އެކު ހަމަޖައްސާފައި ވަނީ ކޭޕީއެމްޖީ އެވެ. އެ ފާމްއަކީ މީގެ ކުރީ އަހަރުގައި ވެސް އުރީދޫ އޮޑިޓް ކުރުމުގައި މަސައްކަތް ކޮށްފައިވާ ކުންފުންޏެވެ. އުރީދޫ އޮޑިޓް ކުރުމުގެ ފީގެ ގޮތުގައި ކޭޕީއެމްޖީން މި އަހަރު ނަގަނީ 56،750 ޑޮލަރެވެ.
އުރީދޫ މޯލްޑިވްސް ގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ޑިޖިޓަލް ދުނިޔެއަކާ ކުރިމަތިލާއިރު މުވައްޒަފުންގެ ކުރިއެރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިދިޔަ އަހަރުގެ ނިޔަލަށް އުރީދޫގެ ސަބްސްކްރައިބަރުންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް ވުރެ އިތުރު ވެފައެވެ. އުރީދޫ ގެ ޑިޖިޓަލް އިނިޝިއޭޓިވްގެ ދަށުން އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި 5ޖީ ނެޓްވޯކް ދައްކާލައިފައެވެ.