ސިދާރްތު މަލްހޯތުރާ އަދި ޕަރިނީތީ ޗޯޕްރާގެ ފިލްމު 'ޖަބަރިޔާ ޖޯޅީ' ރިލީޒްކުރުން އަންނަ ޖުލައި މަހަށް ފަސްކޮށްފިއެވެ.

ކުރިން އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ މެއި 17 ގައެވެ. ނަމަވެސް ފިލްމު ރިލީޒްކުރާ ތާރީޚު ޖުލައި 12 އަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މިދިޔަ އޯގަސްޓު މަހު ޝޫޓިން ފެށި އެ ފިލްމު ރިލީޒްކުރުން ފަސްކުރި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.

ބާލާޖީ ޓެލެފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމަކީ އިންޑިއާގެ ބިހާރުގައި އޮންނަ ކައިވެންޏެއް، އެ ކައިވެނި ކުރަން އުޅޭ ފިރިހެން މީހާ، ކައިވެނީގެ ކުރިން ފޮރުވުން ނުވަތަ ވަގަށް ނެގުމުގެ ސަގާފަތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ޕްރަޝާންތު ސިންގ ޑައިރެކްޓު ކޮށްފައިވާ 'ޖަބަރިޔާ ޖޯޅީ' އަކީ ސިދާރްތާާއި ޕަރިނީތީ އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ.