06 Mar 2019, 11:40
ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރޯޖަނަލް ކޯޕަރޭޝަން (ސާކް) ގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އިން ދޭ އަންހެން ވިޔަފާރިވެރިންގެ އެވޯޑު ސުއި ސެލޮންގެ ވެރިޔާ ސުއިޒާ އިބްރާހިމް އަށް ލިބިއްޖެއެވެ.
މިމަހުގެ ދެވަނަ ދުވަހުގެރޭ ސްރީލަންކާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑު ސުއިޒާ އާ ހަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގެވެ.
ސުއިޒާ ހެއާ ޑްރެސިންގެ ދާއިރާ އަށް އެންމެ ފުރަތަމަ ވަނީ ބައްޕަގެ ފިޔަވަޅު މަތިންނެވެ. ކުޑައިރު ބައްޕަގެ ބޯކޮށާތަނުގައި މީހުންގެ ބޯކޮށާދޭތަން ފެންނާތީ، އެކަމަށް ޝައުގުވެރިކަން އިތުރުވެ، އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އޭނާގެ ބޭބެއާ އެކުގައެވެ.
Winner of#SAARCWomen Entrepreneurs Award 2018 from#Maldives@WorldBank@WorldBankSAsia@FCCISL1@MNCCI_MV@wcic_sl#SouthAsia@dfatpic.twitter.com/Wh1KxhCS8R
— SAARC CCI (@SAARCCCI)March 6, 2019
ސުއިޒާ "ސަން"އަށް ވިދާޅުވި ގޮތުގައި، އޭނާގެ ބޭބެގެ ސެލޮންއިން ތަޖުރިބާ ލިބުމުން، އެނާއަށް މާލޭގެ މަޝްހޫރު ޝެރީ ސެލޮންގައި މޭކްއަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. އެތަނުގައި މަސައްކަތް ކުރުމުގެ ތެރެއިން ވަރަށް ބޮޑު މަގުބޫލުކަމެއް އޭނާއަށް ލިބިގެން ދިޔައެވެ.
ޝެރީ ސެލޮންގައި މަސައްކަތްކުރުމަށްފަހު، 2003 ވަނަ އަހަރު އަމިއްލަ ގޭގައި، އަންހެނުންނަށް ހާއްސަ ސެލޮންއެއް ސުއިޒާ ހުޅުވިއެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އެ ސެލޮންގެ ހިދުމަތް ފިރިހެނުންނަށްވެސް ފުޅާކޮށް، މާފަންނުގައި މިހާރު ހުންނަ "ސުއި ސެލޮން" ހުޅުވިއެވެ. އަދި 2013 ވަނަ އަހަރު ސުއި ސެލޮންގެ ހިދުމަތްތައް ހުޅުމާލޭގައިވެސް ފެށިއެވެ.
ސުއިޒާ ވިދާޅުވީ އޭނާއަށް އެންމެ ބޮޑު އެކްސްޕޯޝާއެއް ލިބިގެން ދިޔައީ ޝެރީ ސެލޮންގައި މަސައްކަތްކުރި ދުވަސްވަރުގެ ތެރެއިން ކަމުގައިވާތީ، އެތަނުގެ ވެރިޔާ ޝާއިރާ ސަލީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ސުއިޒާގެ އިތުރުން ސާކުގެ އެހެން ގައުމުތަކުން ފާހަގަކުރެވުނު އަންހެން ވިޔަފާރިވެރިންނަށްވެސް މި ރަސްމިއްޔާތުގައި ވަނީ އެވޯޑު ދީފައެވެ.