ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ފުރިހަމަ ނަމުގެ އިތުރުން އެ ކެންޑިޑޭޓަކަށް އާންމުކޮށް ކިޔާ ވަނަން ޖެހުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފ އެވެ.

މީގެ ކުރީގެ އިންތިހާބުތަކުގައި ވޯޓު ކަރުދާހުގައި އޮންނަނީ ކެންޑިޑޭޓުންގެ ރަސްމީ ނަން އެކަންޏެވެ. ވަނަމެއް ނޯވެއެވެ. މިއީ ވޯޓު ކަރުދާހުގައި ވަނަން ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިން ފުރަތަމަ އިންތިހާބެވެ.

ކެންޑިޑޭޓުންގެ ވަނަން ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިން ކަމަށް އިއުލާން ކުރެއްވީ ރޭ އެ ކޮމިޝަނުން ކުރި ޓްވީޓެއްގައެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ، އެގޮތަށް ނިންމެވީ، އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނަކީ ކޮންބައެއްކަން ރައްޔިތުންނަށް އެނގެން ބޭނުން ވާތީ ކަމަށެވެ.

"ގިނަ މީހުންނަށް ފުރިހަމަ ނަމުން އިނުމުން ނޭނގެ ކާކު ކަމެއް. ރައްޔިތުނަށް ޓަކައި ބާއްވާ އިންތިހާބުތަކެއް މީ. އެހެން ކަމުން ރައްޔިތުންނަށް އެނގެން ޖެހޭ ކުރިމަތިލާފައި ވަނީ ކޮން ކޮން ކެންޑިޑޭޓުންނެއް ކަން،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އާންމު ނަން ޖެހުމަށް ހުއްދަ ދިން ނަމަވެސް ވަނަން ޖެހުމަށް ހުއްދަ ދޭ އިރު، އެ ނަމަކީ އެކަށީގެންވާ ނަމަކަށް ވާން ޖެހޭނެ ކަމަށެވެ.

އަންނަ މަހު ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި 87 ދާއިރާ އަށް 390 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ، 264،589 މީހުންނަށެވެ. މިއީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވުރެ، 2،454 މީހުންގެ އިތުރު އަދަދެކެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 262,135 މީހުންނަށެވެ.

އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރު މިދިޔަ ހޯމަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން ވަނީ ތަރުތީބުކޮށްފަ އެވެ. އަދި ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ބަޔަކު ހޯދުމަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ހަފްތާގެ އާދިއްތަ ދުވަހަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ.