އުފެދުނުތާ މާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް ކުޅިވަރާއި ފަންނުގެ ދާއިރާއިން މިވަގުތު އެންމެ ކުރިއަރަމުން އަންނަ އެއް ސްކޫލަކީ ހުޅުމާލޭގެ ރެހެންދި ސްކޫލެވެ. ކުޑަ ދުވަސްކޮޅެއް ތެރޭ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ސުކޫލުތަކާއި ވާދަކޮށް އެ ސުކޫލުން އަންނަނީ ހުރިހާ ރޮނގަކުންވެސް ތަފާތު ދައްކަމުންނެވެ.

މިހާރު ކުރިއަށްދާ މަމެން އިންޓާ ސުކޫލް ފުޓުބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގެ މެޗުތައް ފޯރިއާއެކު ކުޅެމުންދާއިރު އަލަށް އުފެދުނު ސުކޫލުތައްވެސް ދަނީ މުބާރާތުގައި ބައިވެރިވެ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މީގެ ހަތަރު އަހަރު ކުރިން އުފެދުނު ރެހެންދި ސްކޫލް ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ކުއާޓާގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފައެވެ.

ރެހެންދީ ސްކޫލުގެ 15 އަހަރުން ދަށުގެ ކުޅުންތެރިން މެޗު ކުޅެން ހުޅުމާލެއިން މާލެ އަންނަނީ --- ފޮޓޯ/ ރެހެންދީ ސްކޫލް

ޖުމުލަ ހަތަރު ގުރޫޕަކަށް ބަހާލަައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި އިއްތިފާގުން ރެހެންދީ ސުކޫލު ޖެހިފައި ވަނީ ރާއްޖޭގައި ކުޅިވަރުގެ ރޮނގުން އެންމެ ތަޖުރިބާކާރު ސުކޫލުތަކުގެ ތެރެއިން ސުކޫލްތަކެއް ކަމަށްވާ އިސްކަންދަރު ސުކޫލާއި އިމާދުއްދީން ސްކޫލުގެ އިތުރުން ޣިޔާސުއްދީން ސުކޫލާ އެއް ގުރޫޕަކަށެވެ.

ފުރަތަމަ މެޗުގައި ޣިޔާސުއްދީންއާ ރެހެންދި ސުކޫލު ބައްދަލު ކުރި މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ފަހަތުން އަރާ އިމާދުއްދީން ބަލިކޮށް މިވަގުތު ރެހެންދި ސުކޫލް އޮތީ ގްރޫޕް "ޑީ"ގެ އެއްވަނައިގައެވެ. އިސްކަންދަރު ސުކޫލާއި މި މަހުގެ 10 ވަނަ ދުވަހު ވާދަކުރާ މެޗުން އެ ޓީމު އެއްވަރު ކޮށްލައިގެން ވެސް ގުރޫޕުގެ އެއްވަނައިގައި އެ ޓީމު ކުއާޓާ ފައިނަލަށް ދަތުރު ކުރާނެއެވެ.

ރެހެންދި ސްކޫލުގެ ކޯޗު މުހައްމަދު އަޒްވަރު "ސަން"އަށް ދިން އިންޓަވިއުއެއްގައި ބުނީ ރެހެންދި ސުކޫލުގެ ކުޅުންތެރިންނަކީ ވަރަށް ހިތްވަރުގަދަ އަދި ބުރަ މަސައްކަތުން ކާމިޔާބު ހޯދުމުގެ ނަމޫނާ ކުދިންތަކެއް ކަމަށެވެ.

"މި ކުދިންނަކީ ބުންވަރު އަދި ފިޓްނަސް ރަނގަޅު ކުޅުންތެރިން ތަކެއް. ޓީމުގައި އެކުވެރިކަމުގެ ރޫހު ވަރަށް ރަނގަޅު. ހުރިހާ ކުދިންވެސް އެކަކު އަނެކަކަށް ވަރަށް ބަލައި. އަދި ހުރިހާ ކުދިންނަކީ ވެސް އަހުލާގު ވަރަށް ރަނގަޅު ކުދިން ތަކެއް،" ސްރީލަންކާއަށް ނިސްބަތްވާ ކޯޗު އަޒްވަރު ބުންޏެވެ.

އަޒްވަރަކީ ސްރީލަންކާގެ ކުރީގެ ގައުމީ ޓީމުގެ ކީޕަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކޮށްފައިވާ ފުޓުބޯޅައިގެ ތަޖުރިބާ ހުރި ކޯޗެކެވެ. އޭނާ ވަނީ 1996 ވަަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާއި ހަަމައަށް ލަންކާގެ ގައުމީ ޓީމުގެ ކީޕަރުގެ ގޮތުގައި ކުޅެފައެވެ. ރެހެންދީ ސުކޫލް ޓީމުގެ ކޯޗުކަން ކޮށްދިނުމުގެ އިތުރުން އޭނާ އަކީ މިހާރު ހުޅުމާލޭގައި ހިންގާ ފުޓުބޯޅަ އެކެޑެމީއެއް ކަމަށްވާ "ހުޅުމާލޭ ސްޕޯޓްސް ސުކޫލް"އާއި ހަވާލުވެގެން ހުރި ކޯޗެވެ.

"ރެހެންދި ސުކޫލް ޓީމުން މިހާރު މަސައްކަތް ކުރަމުން މިދަނީ ދެން މެޗެއް ވެސް ކާމިޔާބުކޮށް އެއްވަނައިގައި ކުއާޓާ ފައިނަލަށް ދަތުރު ކުރުމަށް. މި ފަހަރުގެ އަމާޒަކީ މި ޓީމު ފައިނަލާއި ހަމައަށް ގެންގޮސްދީ ރަނގަޅު ކާމިޔާބެއް ސުކޫލަށް ހޯދައިދިނުން،" އަޒްވަރުގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު އެއް ސުކޫލު ކަމަށްވާ ރެހެންދީ ސުކޫލަކީ ހުޅުމާލޭގައި ދެވަނައަށް އެންމެ ބޮޑު ސުކޫލެވެ. ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކިޔަވަމުންދާ އެ ސުކޫލަކީ ކުޅިވަރުގެ ކަންކަމަށް ވެސް ވަރަށް ހާއްސަ އިސްކަމެއް ދީގެން ފައުންޑޭޝަނާއި ހަމައިން ފެށިގެން ގްރޭޑް 10 ހަމައަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ.

ރެހެންދީ ސްކޫލުގެ ހޯލުގައި އަޅާފައިވާ ޓާފް ގްރައުންޑް --- ފޮޓޯ / ރެހެންދީ ސްކޫލް

ދަަރިވަރުންނަށް ކުޅިވަރު ކުޅޭނެ އެކަށީގެންވާ މާހައުލެއް ބިނާ ކުރުމުގެ ގޮތުން އެސުކޫލުގެ ހޯލުގައި އެއްކޮށް ވަނީ ޓާފް އަޅާފައެވެ. މިއީ އެ ސްކޫލުގެ ބެލެނިވެރިންގެ ޖަމިއްޔާގެ ފަރާތުން އެކިއެކި ހަރަކާތްތައް ބާއްވާ ހޯދި ފަންޑުން ބިނާ ކުރި ޓާފް ގްރައުންޑެކެވެ.

މީގެ ސަބަބުން ސުކޫލުގެ މުބާރާތްތައް ބޭއްވުމަށާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސުކޫލުގައި ކިޔަވަމުންދާ އެންމެ ތުއްތު ކުދިންނަށް ވެސް އެތަނުގައި އިތުރު ގަޑީގެ ހަރަކާތްތައް ހިންގުމައް ފަސޭހަ ވެގެން ދާނެ ކަމަށް ރެހެންދި ސުކޫލުން ބުނެއެވެ.