ރަސްފަންނާ ދިމާލުން އައިޖީއެމްއެޗާ އިންވެގެން ބަންދުކޮށްފައި އޮންނަ ސަރަހައްދު ހުޅުވާލުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ތަން ހުޅުވާލުމުގެ މަސައްކަތް މިއަދު ފެށިކަން ހައުސިން މިނިސްޓްރީން ވަނީ ޔަގީންކޮށްދީފައެވެ.

ބޮޑުތަކުރުފާނު މަގުން ރަސްފަންނާ ވީ ދިމާލުން ބޮޑު ބައެއް ބަންދުކޮށްފައިވަނީ 'ކޮރަލް ބޮލެވާޑް' މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީގެ 28 ބުރީގެ ހަތަރު އިމާރާތުގެ މަސައްކަތް ކުރުމަށެވެ.

މާލެ ވަށައިގެން ދުއްވޭނެހެން ރިންގް ރޯޑު ހެދުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ކޮރަލް ބޮލްވާޑް އެޕާޓްމެންޓުތައް އަޅަން ދޫކޮށްފައިވާ ސަރަަހައްދުން ބަންދުކޮށްފައިވާ މަގުހުޅުވާލަން ނިންމީ ޓްރާންސްޕޯޓު މިނިސްޓްރީ އިން މާލޭގެ މަގުތަކުގެ ހާލަތު ބެލުމަށް ފަހު ކަމަށެވެ.

"އެ ސަރަހައްދުގައި ބަންދުކޮށްފައި އޮންނަ މަގުގައި އެއްވެސް މަސައްކަތެއް ނުކުރޭ. އެހެންވީމާ މިހާރު ނިންމާފައިވަނީ އެ މަގުން ބަންދުކޮށްފައި އޮންނަ ސަރަހައްދު ހުޅުވާލަން. އެތަން ހުޅުވާލައިގެން ރިންގު ރޯޑުވެސް ފުރިހަމަވާނީ،" އޮފިޝަލު ވިދާޅުވިއެވެ.

ކޮރަލް ބުލެވާޑް މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ މިދިޔަ އަހަރު ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ. އެ މަޝްރޫއުގެ ދަށުން 350 އެޕާޓްމަންޓާއި ފިހާރަތަކުގެ އިތުރުން ކުޅިވަރު ކުޅުމަށް ހާއްސަ ތަންތަން ހެދުމަށްވެސް އޮތީ ނިންމައިފައެވެ.