12 Mar 2019, 15:27
ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތައާރަފްކުރުމަށް އަނެއްކާވެސް ޕްރޮގްރާމެއް އަނެއްކާވެސް ހިންގަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ތުތި ބޯވަދިލަމަސް ނުވަތަ ޑައިމަންޑްބެކް ސްކުއިޑަކީ މާކަނޑުގެ ފުން ސަރަހައްދުގައި އުޅޭ ބޯވަދިލަމަހެކެވެ. މިއީ ފެންމަތިން ފެންނަ ބޯވަދިލަމަހަށްވުރެ ބޮޑު ބޯވަދިލަ މަހެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަގޮތުގަ ބޭނުންކުރުމުގެގޮތުން، ދިވެހިރާއްޖޭގެ މާކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ (ޑައިމަންޑް ބެކް ސްކުއިޑް) މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ދިގުމުއްދަތުގައި އަގު އަދާކުރާގޮތަށް އެމަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމްއެއް ކަމަށެވެ.
އެފަދަ ޕްރޮގްރާމެއް ފުރަތަމަ ފަހަރަށް މިދިޔަ ހުކުރުން އާދިއްތަ ދުވަހަށް ވަނީ ކުރިއަށްގެންގޮސްވެސްފައެވެ. އެ ޕްރޮގްރާމްގައި ހަތް މަސްވެރިއަކު ބައިވެރިވިއިރު ތުތި ބޯވަދިލަމަސް ބޭނުމުގެ އުކުޅުތަކާއި މަސްކަނޑާނެ ގޮތާއި އަދި ވިއްކުމަށް ބާޒާރަށް ނެރެން ބަންދުކުރާނެ ގޮތްތައް ވަނީ އޮޅުންފިލުވައިދީފައެވެ.
އަދި ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް ޕްރޮގްރާމްގެ ބައިވެރީންނަށް ވަނީ ހަދިޔާވެސް ކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.