އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އާޓްސް ކައުންސިލް އެންޑް ކަލްޗާ އެޖެންސީ (އިފަކާ) އިން ބާއްވާ އާޓްސް އެންޑް ކަލްޗާގެ އަށްވަނަ ވޯލްޑް ސަމިޓް ކުރިއަށް އެބަދެއެވެ.

ކޮންމެ ތިން އަހަރަކުން އެއް އަހަރު އެ ސަމިޓް ކުރިއަށްދާއިރު މިފަހަރު އެ ސަމިޓް ކުރިއަށް ދަނީ މެލޭޝިޔާގެ ކުއަލާލަމްޕޫރުގައެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން ވިދާޅުވީ މި މަހުގެ 11 އިން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސަމިޓުގެ މިއަހަރުގެ ޝިއާރަކީ "ހުޅުވިފައިވާ ވިސްނުމަކުން އިލްމާއި ބަދަލު "މޯބައިލް މައިންޑްސް ކަލްޗާ ނޮލެޖް އެންޑް ޗޭންޖް" ކަމަށެވެ.

އާޓްސް އެންޑް ކަލްޗާގެ އަށްވަނަ ވޯލްޑް ސަމިޓްގެ ތެރެއިން----

އެ މިނިސްޓްރީއިން ބުނީ މިހާރު ކުރިއަށް ގެންދާ އެ ސަމިޓް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ބަވަނަވުމާއި، ޓެކްނޮލޮޖީއާއި ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން އެކި ގައުމުތަކުގެ ސަގާފީ އަދި ފަންނީ ދާއިރާތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ހުޅުވިފައިވާ ވިސްނުމަކުން ވިސްނަން ފެށުމަށް ކަމަށެވެ.

އަދި އާ ނަޒަރުތަކުން އުފެއްދުންތެރި ގޮތްގޮތަށް ސަގާފަތާއި ފަންނުވެރިކަން ބަލައިލުން ވެސް މި ސަމިޓްގައި ކުރިއަށް ދާނެއެވެ.

ޖުމްލަ 81 ގައުމަކުން 432 ބޭފުޅުން މި ސަމިޓްގައި ބައިވެރިވާއިރު މި ސަމިޓްގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނެއްގައި ސަގާފަތާ ބެހޭ އިދާރާތަކާ އެ ދާއިރާ އާ ގުޅޭ ކަންތައްތައް މަޝްވަރާކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީއިން ބުންޏެވެ.

އާޓްސް އެންޑް ކަލްޗާގެ އަށްވަނަ ވޯލްޑް ސަމިޓްގެ ތެރެއިން----

އާޓްސް އެންޑް ކަލްޗާގެ ވޯލްޑް ސަމިޓްގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކްރާމްގެ އިތުރުން ޑިރެކްޓާ ޖެނެރަލް ހައްވާ ނަޒްލާ ވެސް އެ ސަމިޓްގައި ގެންދަވަނީ ބައިވެރި ވެވަޑައިގަންނަވަމުންނެވެ.