އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ސުޝްމާ ރާއްޖެ ވަޑައިގަންނަވާނީ އާދީއްތަ ދުވަހުއެވެ.

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކާއި ހިލަ އާއި ހިލަވެލި ރާއްޖެ އެތެރެކުރުމަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މި ދަތުރުފުޅުގައި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވަނީ އެނގިފައެވެ.

ފޮރިން މިނިސްޓަރު ޝާހިދު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރުމުގައި ތިން އަހަރު ދުވަހުގެ މުއްދަތަށް ވަރަށް ލުއިފަސޭހަ ގޮތްތަކަކާއެކު އިންޑިއާ ސަރުކާރުން އަންނަ ހަފްތާގެ ތެރޭގައި ހަމަޖައްސައިދޭނެ ކަމަށެވެ.

މީގެ އިތުރުން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް އެތެރެކުރުން ހުއްޓާލާފައިވާ ހިލަޔާއި ހިލަވެލި ރާއްޖެ އެެތެރެކުރުމުގެ ހުއްދަ އަންނަ ހަފްތާއިން ފެށިގެން އަލުން ހުޅުވާލާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސުޝްމާގެ ދަތުރުފުޅާ ގުޅޭ ރަސްމީ އެއްވެސް ވާހަކައެއް ފޮރިން މިނިސްޓްރީ އިން އަދި ހާމައެއް ނުކުރެއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހި ވެފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރައީސް ސޯލިހު ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންފައެވެ. އަދި ރައީސް ސޯލިހުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުވެސް ކުރައްވާފައިވަނީ އިންޑިއާ އަށެވެ.

ސުޝްމާ ވަނީ މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ރާއްޖެ ވަޑައިގެންފައެވެ.