އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު 'ޕީއެމް ނަރެންދުރަ މޯދީ' އަންނަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރަން ނިންމައިފިއެވެ.

އޮމަންގް ކުމާރު ޑައިރެކްޓު ކުރާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ބޮލީވުޑް އެކްޓަރު ވިވެކް އޮބެރޯއީއެވެ.

އިންޑިއާގެ ގުޖުރާތުގައި ފިލްމުގެ ޝޫޓިން ފަށައިފައި ވަނީ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. ފިލްމު އުފައްދާ ފަރާތުން ބުނީ މިހާރު ކުރިއަށްދަނީ ފިލްމުގެ އެންމެ ފަހު ޝެޑިއުލްގެ ޝޫޓިން ކަމަށާއި ވަރަށް އަވަހަށް ފިލްމު މުޅިން ނިންމާލެވޭނެ ކަމަށެވެ.

ގުޖުރާތުގެ އިތުރުން، މުމްބާއީ އަދި އުއްތަރަކަންޑްގައި ވެސް ފިލްމުގެ މަންޒަރުތައް ވަނީ ނަގައިފައެވެ.

ފިލްމުގައި ފެނިގެން ދާނީ މޯދީގެ ޒުވާން ދުވަސްވަރާއި، ގުޖުރާތުގެ ޗީފް މިނިސްޓަރުކަން ލިބުނު ގޮތާއި، އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް މޯދީ ކުރި ދަތުރެވެ.

ފިލްމުގެ ޕްރޮޑިއުސަރު ސަންދީޕް ސިންގ ބުނީ މޯދީގެ ވާހަކައަކީ އިންޑިއާގެ ކޮންމެ ރައްޔިތަކަށް ވެސް އެނގެން ޖެހޭ، އިބުރަތުން ފުރިގެންވާ ވާހަކައެއް ކަމަށެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިދިޔަ ޖެނުއަރީ މަހު ދައްކާލި އިރު، އެ ޕޯސްޓަރު އިންޑިއާގައި ވާހަކަ ދައްކާ އުޅޭ 27 ބަހަކުން ވަނީ ލޯންޗުކޮށްފައެވެ.

ފިލްމުގައި ވިވެކްގެ އިތުރުން ދެން ފެނިގެން ދާނީ ދަރްޝަން ކުމާރު، ބޯމަން އިރާނީ، މަނޯޖް ޖޯޝީ، ޕްރަޝާންތު ނާރާޔަނަން، ޒަރީނާ ވައްހާބު އަދި ބަރްކާ ބިޝްތު ސެންގުޕްތާއެވެ.