18 Mar 2019, 09:49
ކާމިޔާބު ލިބޭނީ އެކުގައި ކުރެވޭ މަސައްކަތުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ތިމަރަފުށި ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓު އަދި އެ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒުގެ ކެމްޕޭން ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސަލް އެހެން ވިދާޅުވެފައިވާ އިރު އެމަނިކުފާނު ނިސްބަތްވާ، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީއެއް ކަމަށްވާ ޖޭޕީއިން ވަނީ މަޖިލިސް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރަން ނިންމައިފައެވެ.
އެހެން ނަމަވެސް، ސަރުކާރު ކޯލިޝަނުގެ ޕާޓީތައް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ދޭހަވާ މޭރުމަކީ ފައިސަލް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
"އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ރިޔާސީ އިންތިހާބުގައި ވެސް މުޅި ދިވެހި ގައުމު މުޅި ދިވެހި ރައްޔިތުން ބޮޑު ފުޅާ ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެނުމުން. އަޅުގަނޑުމެންނަށް ކާމިޔާބު ހާސިލު ކުރެވޭނީ އެކުގައި ކުރެވޭ މަސައްކަތަކުން،" ރޭ ފައިސަލް ވިދާޅުވިއެވެ.

ތިމަރަފުށި ދާއިރާގެ ޖުމްހޫރީ ޕާޓީ ކެންޑިޑޭޓު އަބްދުﷲ ރިޔާޒްގެ ކެމްޕޭން ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ -- ފޮޓޯ/ މުހައްމަދު ޝަރުހާން
އޭނާ ވިދާޅުވީ، މިއަދު ރާއްޖެ އޮތީ ތަރައްގީގެ ގޮތުން ކުރިއަރައިގެން ގޮސް އޮންނަން ޖެހޭ ހިސާބުގައި ނޫން ކަމަށެވެ. އަދި ރާއްޖެއަށް ގުދުރަތީ ވަސީލަތްތައް ލިބިފައިވާ އިރު އެއީ އެކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ގިނަ ވައުދުތަކެއް ފުއްދާނެ ކަމަށާއި، އެ ވައުދުތައް ފުއްދާ އިރު އެ ވައުދުތައް ފުއްދާނީ ގާނޫނީ އިމުގެ ތެރެއިން ކަަމަށެވެ. އަދި އެކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެެއްބާރުލުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"19 ވަނަ ރައްޔިތުންގެ މަޖިލީސް އިރާދަކުރެއްވިއްޔާ ވެގެން ދާނީ ދިވެހި ސަރުކާރުން ކުރާ ކަންތައްތަކަށް އެއްބާރުލުންދޭ، ސަރުކާރަށް މެޖޯރިޓީ ލިބޭ ފަދަ މަޖިލީހަކަށް. އަޅުގަނޑު އެންމެހާ ރައްޔިތުންގެ ކިބައިން އެދެނީ އަޅުގަނޑުމެން ފެއްޓި ދަތުރު އަޅުގަނޑުމެން ކުރިއަށް ގެންދަން ޖެހެއޭ،"
ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ މީހުންނަކީ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ބަޔަކަށް ހަދަން ޖެހޭ ކަމަށް ވެސް ރޭ ފައިސަލް ވިދާޅުވިއެވެ. އަދި ރައްޔިތުންނާ މެދު ނުވިސްނާ ބަޔަކު އިންތިހާބުކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކާމިޔާބު ލިބޭނީ އެކުގައި މަސައްކަތްކޮށްގެން ކަމަށް ފައިސަލް ވިދާޅުވި އިރު، ފައިސަލް ވަނީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގެން އެ ބޭބޭފުޅުންނަށް ތާއީދު ކުރައްވައިފައެވެ.