ތަރިކައަށް ގެއްލުންދޭ މީހުންނަށް ބޮޑު ޖަލުހުކުމެއް އަންނަގޮތަށް ތަރިކައިގެ ބިލު އެކުލަވާލައިފިއެވެ.

ރާއްޖޭގެ ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ މި ބިލުގައި ބުނެފައިވާގޮތުން ތަރިކައަށް ގެއްލުން ދޭ މީހަކަށް ތަރިކައިގެ ސަގާފީ އަގަށް ބަލައި ޖޫރިމަނާ ކުރެވޭނެއެވެ. ނޫނީ ދިގު މުއްދަތަކަށް ޖަލަށް ލެވެނެއެވެ.

ޖޫރިމަނާ ކުރެވޭނީ އެއްލައްކަ އާއި އެއް މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ކަމަށާއި ޖަލު ހުކުމް އަންނާނި ފަސް އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ކަމަށް އެ ބިލުގައި ވެއެވެ.

ސަގާފީ ތަރިކައަށް ގެއްލުން ދިނުމުގެ ގޮތުގައި ބަލާނެ ކަންތައްތައް:

  • ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއް، އެއްޗެއް ނުވަތަ ސަރަހައްދެއް ހަލާކުކޮށް، ގެއްލުންދީ ނެތިކޮށްލުމަށް ކުރާ ކަންތައް

  • ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗަކަށް ބަދަލުގެނެސް އެ އެއްޗެއްގެ އަސްލު އޮޅުވާލުން ނުވަތަ އުނި އިތުރު ގެނައުން
  • ރާއްޖެ ނުވަތަ އެހެން ގައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗެއް ވެރިފަރާތުގެ ހުއްދަ ނެތި އިމްޕޯޓު ކުރުން، އެކްސްޕޯޓު ކުރުން ނުވަތަ ވިއްކުން/ ޑިސްޓްރިބިއުޓް ކުރުން
  • އެޖެންސީގެ ހުއްދަނެތި އަގެއްހުރި އެއްޗެއް ހޯދުމުގެ ބޭނުމުގައި ތަންތަން ކޮނެހެދުން

ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ޒިންމާ އުފުލުމަށް "ކަލްޗްރަލް ހެރިޓޭޖު ޕްރޮޓެކްޝަން އެޖެންސީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަން ވާނެ ކަމަށާއި އެ އިދާރާއަކީ ހެރިޓޭޖު މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ބިލު ގާނޫނަަކަށް ވާތާ އެއް މަސް ތެރޭ އެޖެންސީ އުފައްދަން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

އެޖެންސީގެ މަސްއޫލިއްޔަތު ތަކާއި ބާރުތަކުގެ ތެރޭގައި ތަރިކަ ބެލެހެއްޓުމުގައި މިނިސްޓަރަށް ލަފާދިނުމާއި ސަގާފީ ތަރިކަ ގިންތިކޮށް ސަގާފީ ތަރިކައިގެ ދަފްތަރެއް އެކުލަވާލުން ހިމެނެއެވެ.

ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނީވެސް މި އެޖެންސީ އިން ކަމަށް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

އެޖެންސީ ހިންގުމަށް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ބޯޑެއް އެކުލަވާލަން ޖެހޭނެ ކަމަށާއި އެ ބޯޑުގައި އެޖެންސީގެ ޗީފް އެގްޒެކެޓިވްގެ އިތުރުން އިތުރު ހަ މެންބަރަކު ހިމެނޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށް އެކި ކަންތަކަށް ހަރަދު ކުރުމަށް ހެރިޓޭޖު ޓްރަސްޓު ފަންޑެއް ގާއިމް ކުރަންޖެހޭނެ ކަމަށާއި ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ މަސް ތެރޭ އެ ފަންޑު ގާއިމް ކުރަންޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ފަންޑަށް ޖަމާކުރެވޭ ފައިސާ އަކީ ރާއްޖެއާއި ބޭރުގެ ފަރާތްތަކުންދޭ ހިލޭ އެހީ އާއި ވަގުފް އަދި ހަދިޔާ ގެ އިތުުރުން އެހީ ހޯދުމަށް ހިންގޭ ހަރަކާތްތަކުން ލިބޭ ފައިސާ އާއި އެޖެންސީ އިން ފޯރުކޮށްދޭ ހިދުމަތްތަަކުން ނަގާ ފީ އާއި ދާރުލް އާސާރާއި އެހެނިހެން ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނަށް ވަނުމަށް އާންމުން ދައްކާ ފީ، ގާނޫނުގެ ދަށުން ޖޫރިމަނާ އަށް ނަގާ ފައިސާ، އަދި ތަރިކަ ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކަށް އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ފައިސާ ހަރަދު ކުރާނި ސަގާފީތަރިކައިގެ ގޮތުގައި ދަފްތަރު ކޮށްފައިވާ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަށް ފޯރުކޮށްދެންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ރަރިކަ ރައްކާތެރިކުރުމަށް ކުރަންޖެހޭ ދިރާސާތަކާއި ސާވޭތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

ސަގާފީ ތަރިކައިގެ ދަފްތަރު ގާއިމް ކުރުމަކީވެސް އެޖެންސީގެ ޒިންމާއެކެވެ.

މި ބިލު ފާސްވެ ގާނޫނަކަށް ވާ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީ އިން މިހާރު ވަނީ ހުޅުވާލައިފައެވެ. މިމަހުގެ 28 ގެ ކުރިން ހިޔާލު ހުށަހެލުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.