23 Mar 2019, 18:38
އަންނަ އޭޕްރިލް ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބްގެ ފައިނަލް ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރުން މާދަމާ ފަށާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ވޯޓާސް ލިސްޓްގައި ސޮއި ކުރުން ކުރިއަށް ދާނީ މާދަމަ އިން ފެށިގެން އަންގާރަ ދުވަހުގެ މެންދުރު 3:00އާ ހަމައަށް އިންތިހާބޭ ބެހޭ މަރުކަޒުގެ ޓްރެއިނިން ހޯލްގައި ކަމަށް ވެސް އީސީން ބުނެއެވެ. ހެނދުނު 8:30 ވާއިރު ސޮއި ކުރަން ފެށުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ދެ ދުވަހުގެ ރޭގަނޑު 10:30 އާ ހަމައަށް ސޮއި ކުރުން ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
ވޯޓާސް ލިސްޓްގައި އީސީގެ ފަރާތުން މިހާރު ވަނީ ސައިކުރަން ފަށާފަ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ފައިނަލް ލިސްޓް އީސީން މިހާރު ވަނީ އާންމުކޮށްފަ އެވެ. މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 264442 މީހުން އެބަތިއްބެވެ.
އިންތިހާބުގައި ވާދަ ކުރަން 408 ފަރާތަކުން ވަނީ ހުށަހަޅައިފަ އެވެ.
އެންމެ ގިނަ ކެންޑިޑޭޓުން އެއް ޕާޓީއަކުން ވާދަކުރަނީ ސަރުކާރު މައި ޕާޓީ އެމްޑީޕީންނެވެ. އަދި ޖުމްހޫރީ ޕާޓީން 42 މެމްބަރުން ކުރިމަތިލާ އިރު އަދާލަތު ޕާޓީން މަޖިލިސް އިންތިހާބުގައި ވާދަކުރަނީ ހަ ދާއިރާއަކަށެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ތާއީދާ އެކު ކުރިމަތިލަނީ 24 ކެންޑިޑޭޓުންނެވެ. އޭގެ އިތުރުން އިދިކޮޅު މައި ޕާޓީ ޕީޕީއެމް، ޕީއެންސީ އިން 46 މެމްބަރުން ވާދަކުރާ އިރު އެމްޑީއޭ އިން އަށް ދާއިރާއަކަށް ވާދަކުރެ އެވެ. އަދި އެމްޓީޑީންނާއި ލޭބަ ޕާޓީން ވެސް ކޮންމެ ޕާޓީއަކުން އަށް ދާއިރާއަކަށް ވާދަކުރެ އެވެ.