ވިހުމާ ގުޅިގެންދޭ ޗުއްޓީގެ މުއްދަތު އިތުރު ކުރުމުން 30 މިލިއަން ރުފިޔާ ބަޖެޓަށް އިތުރު ވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަހަށް އިތުރު ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި މި މަހު ހަތް ވަނަ ދުވަހު ބޭއްވި އަންހެނުންގެ ދުވަހު ރައީސް ސޯލިހް ވަނީ ސިލްސާވިސްގެ އަންހެން މުވައްޒިފުންނަށް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަހަށް އަދި ބައްޕައަށް އެއް މަހަށް ދިނުމަށް ނިންމައިފަ އެވެ.

މިއަދު ހެނދުނު ރާއްޖެ "ޓީވީގެ ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އިތުރުކުރުމަށް ނިންމެވީ، ދުރާލާ އެކަމަށް ދިރާސާކޮށްގެން ކަމަށާއި "ހުރެ ބަހައްޓާފައި" ނިންމެވި ނިންމުމެއް ނޫން ކަމަށެވެ. އަދި އެ ދިރާސާ ހެދުމަށް ފަހު އެއީ ކުރެވޭނެ ކަމަކަށް ވާތީ ނިންމެވި ނިންމުމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ދިރާސާ ކުރި އިރު، ވޭތުވެ ދިޔަ ފަސް އަހަރަށް ބެލި އިރު، [ސިވިލް ސާވިސްގެ] އަންހެނުން [މުވައްޒިފުންގެ] ނުވަ ޕަސަންޓް ވިހެއުމާ ގުޅިގެން ޗުއްޓީ ނަގާ. އެއީ ގާތްގަނޑަކަށް 1،400. އެއަށް ބަލާފައި ދިރާސާގެ އަލީގައި އަޅުގަނޑުމެން މިކަން ފެށީ. އެގޮތުން ބަލާއިރު، އަހަރެއްގެ މައްޗަށް އެއީ ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެކަމަށް ޓަކައި 30 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓްގައި އިތުރަށް ހިމެނި ކަމަށާއި ރިކަރެންޓް ހަރަދުން އެބައި ކުޑަ ކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ޗުއްޓީ ނަންގަވާ މުވައްޒިފުންގެ މަސައްކަތްތައް ކުރުމަށް 400 އެއްހާ މުވައްޒިފުން ވަގުތީ ގޮތުން ހޯދަވަން ޖެހޭ ކަމަށެވެ. ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އިތުރު ކުރުމަކީ، ދައުލަތަށް ބުރައެއް އުފުލަން ޖެހުނަސް ކުރުން ރަނގަޅު ކަމެއް ކަމަށާއި ސަރުކާރުގެ ޒިންމާ އަކީ ގިނަ ރައްޔިތުންނަށް ފައިދާ ހުރި ކަންތައް ކުރުން ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ސިވިލްސާވިސްލްގެ ގިނަ މުވައްޒިފުންނަކީ އަންހެން މުވައްޒިފުން ކަމަށާއި އެގޮތުން 16،300 މުވައްޒިފުންނަކީ އަންހެނުންކަމަށެވެ.

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ މީގެ ކުރިން ލިބެމުން އައީ ދަރިފުޅުގެ މަންމަ އަށް އެއް މަސް އަދި ބައްޕަ އަށް ތިން ދުވަހެވެ.