ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ސްޕޯޓްސް އޮޑިޓެއް ހަދައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ކުޅިވަރު ކައުންސިލަރެއް ހޮވުމުގެ ގޮތުން އެކަމަށް އެދިފައިވާ ފަރާތްތަކަށް ތަމްރީނު ދީ ނިންމާލައިފި އެވެ.

ސަރުކާރުން ވުޒާރާތަކަށް ބޭފުޅުން އައްޔަން ކުރުމަށް ފަހު ކުޅިވަރުގެ ވުޒާރައަށް ހަމަޖެއްސި އަހުމަދު މަހްލޫފް އެންމެ ފުރަތަމަ ވެސް ފެއްޓެވި މަސައްކަތަކީ މުޅި ރާއްޖޭގެ ކުޅިވަރާ ބެހޭ އޮޑިޓް ރިޕޯޓެއް ހެއްދެވުމުގެ މަސައްކަތެވެ. އެގޮތުން އެކި އެކި ރަށްރަށުގައި މިހާރު ހުރި ކުޅިވަރު ވަސީލަތްތަކާއި އެ ތަކެތި ހުރި ހާލަތުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ މިންވަރު އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އަދި ރަށްރަށަށް އިތުރަށް ބޭނުން ވަނީ ކޮންކޮން ކަންކަމެއްތޯ އާއި ކުޅިވަރުގެ ދާއިރާއިން އެ ރަށްރަށުގައި އެންމެ ކުރިއެރުވޭނެ ކަންކަމުގެ މައުލޫމާތު ވެސް އެ ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ. މި އޮޑިޓްގެ އެންމެ ބޮޑު ބޭނުމަކީ ކުޅިވަރާ ބެހޭ ބޮޑު "މާސްޓާ ޕްލޭން" އެއް ގާއިމު ކުރުން ކަމަށް ކުޅިވަރުގެ ވުޒާރާއިން ބުނެ އެވެ.

މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ކުޅިވަރުގެ ކަންކަން ހިންގުމަށާއި އެކަންކަން ސަރުކާރަށް ސީދާ ގޮތެއްގައި އެންގުމަށް ޓަކައި ކުޅިވަރު ކައުންސިލަރުން ހޮވުމުގެ ގޮތުން އެކަމަށް އެދިފައިވާ ފަރާތްތަކަށް ތަމްރީން ދިނުމުގެ ޕްރޮގްރާމްތަކެއް ވެސް ސަރުކާރުން ވަނީ ހިންގައިފަ އެވެ.

އެގޮތުން ކުޅިވަރު ކައުންސިލަރުންނަށް ހިންގި ކޯހުގައި ބައިވެރިވުމަށް ހުޅުވާލުމުން، 103 ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ. ނަމަވެސް މިކޯހަށް ޝޯޓްލިސްޓް ކޮށްފައި ވަނީ 88 ބައިވެރިންނެވެ. ތިން ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޯސް ހިންގާފައިވަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ.

ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެކަންކަން ފާހަގަ ކުރައްވަމުން ވަގުތީ ގޮތުން ޔޫތު އެންޑް ސްޕޯޓްސްގެ ވުޒާރާއާއި ހަވާލުވެ ހުންނެވި އަލީ ވަހީދު ވިދާޅުވީ ކުޅިވަރު ކައުންސިލަރުން ސިޔާސީ ކަންކަމާ ދުރުގައި ތިބުމަށް ނަސޭހަތްތެރިވާ ކަމަށާއި އެ ރަށެއްގެ ރައްޔިތުން އެއްބައިވަންތަ ކުރުމުގައި މުހިންމު ދައުރެއް އަދާކުރަން މަސައްކަތް ކޮށްދިނުމަށް އެދޭ ކަމަށެވެ.

އަދި ރާއްޖޭގައި އިހު ޒަމާނުގައި ކުޅެވިގެން ދިޔަ ކުޅިވަރުތައް އަލުން ދިރުވާ އާލާކުރުމުގެ ސަބަބުން ކުރިން ރަށްރަށުގައި ފެނިގެން ދިޔަ އެކުވެރިކަމާއި ބަދަހިކަން ފެނިގެންދާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.