އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އޭސީ ކުރުމުގެ މަޝްރޫއު މިއަދު ފަށައިފިއެވެ.

ފ ދަރަނބޫދޫގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒާހިރު ވިދާޅުވީ މިއަދަކީ ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމަށާއި މިއަދު ފެނިގެން މިދިޔައީ އަޅުގަނޑުމެން އެންމެން ކުރި ބުރަ މަސައްކަތެއްގެ ނަތީޖާ ކަމަށެވެ.

މިސްކިތްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ފަށަން ގަސްތުކުރިއިރު އެންމެ ފުރަތަމަ ކަމަކަށް ބެލީ މިސްކިތްތަކުގައި އޭސީ ނެތް ރަށްތައް ކަމަށާއި އެއަށް ފަހު އެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ މީހުން އަރާ މިސްކިތްތައް ބެލި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓެކްނިކަލް ޓީމް އިން ބަލަންޖެހޭ ހުރިހާ މަސައްކަތެއް ވަރަށް ރަނގަޅަށް ބަލާފައިވާ ކަމަށެވެ.

މިއަދުގެ ސަރުކާރުން ދީނީ ކަންކަމަށް އިސްކަންދޭ މިންވަރު މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

"މިސްކިތަށް ނަމާދަށް އަންނަ މީހުންނަށް ހޫނުކަން ދާހިއްލުން އިހްސާސް ކުރަންޖެހޭނަމަ ނަމާދު ކުރާއިރު ލިބެންޖެހޭ ހުޝޫއަތްތެރިކަމެއް ނުލިބޭ. މިއަދުގެ ސަރުކާރުން އަންނަނީ މިސްކިތްތަކާ މީހުން ގާތް ގުޅުމެއް އުފައްދަން މަސައްކަތް ކުރަމުން،"

މިއަދު އޭސީކުރި މިސްކިތަކީ ފ ދަރަނބޫދޫ މަސްޖިދު ތަގްވާއެވެ. އެ މިސްކިތް އޭސީ ކުރީ ސޯލާ ޕެނަލް ހަރުކޮށް އިޢާދަ ކުރަނިވި ހަކަތަ ލިބޭ ގޮތް ހަދައި މިސްކިތް އެއާކޮންޑިޝަންކުރުމާ އެކުގައެވެ. ތިން އަހަރަށް ބަހާލައިގެން އެ ޕްރޮގްރާމްގެ ދަށުން 553 މިސްކިތް އޭސީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިސްކިތްތައް އޭސީ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.