27 Mar 2019, 18:46
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތަކުގެެ ތެރޭގައި ހިމެނޭ މަތީ ތައުލީމާ ގުޅޭ ހުރިހާ ވައުދުތަކެއް ފުއްދައިފިއެވެ.
މިއަދު މެންދުރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ އެ ހުރިހާ ވައުދެއް ފުއްދިކަން ޔަގީންކޮށްދީފިއެވެ.
އެގޮތުން 100 ދުވަހުގެ ވައުދާ އެއްގޮތަށް މަތީ ތައުލީމަށް ސަރުކާރުގެ ޔުނިވާސިޓީތަކުން ހިލޭ ކިޔެވޭނެގޮތް ދާދި ފަހުން ވަނީ ހަދައިފައެވެ. އަދި ޕްރައިވެޓް ޔުނިވާސިޓީތަކުގެ ކޯސްފީއިންވެސް ބޮޑު ބައެއް ދައްކައިދިނުމަށް ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން ކުރިން މަތީ ތައުލީމަށް ކިޔަވުމުގެ ގޮތުން ދެމުން އައި ސްޓޫޑަންޓް ލޯންގެ އިންޓަރެސްޓް ލޯން ފަސް ޕަސެންޓް އިން ތިން ޕަސެންޓްއަށް ކުޑަކޮށް ލޯނު ދައްކަން ޖެހޭ މުއްދަތުގެ 25 ޕަސެންޓް ވަނީ އިތުރުކޮށްދީފައެވެ.
އަދި ހައި އެޗީވާޒް ސްކޮލަޝިޕްގެ ދަށުން ދަރިވަރުންނަށް އޯއައިސީޑީ ގައުުމުތަކުން ކިޔެވޭނެ ފުުރުސަތުވެސް މިދިޔަ ޑިސެމްބަރު މަހު ވަނީ ހުޅުވާލައިފައެވެ. އަދި ޖީސީއީ އޭލެވެލްއިން އެއްވަނައަށް ދާ ދަރިވަރުންނަށް ދުނިޔޭގެ ބޭނުން ގައުމެއްގެ ޔުނިވާސިޓީއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ފުރިހަމަ ކުރި މަތީ ތައުލީމުގެ އިތުރު ވައުދުތައް
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގުން ހަރުދަނާކޮށް މަތީތައުލީމުގެ ފެންވަރު މަތިކޮށް، ދެމެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރުދޭނެ ގާނޫނެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލިހަށް ހުށައެޅުން
- ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓް ހިންގަންފެށުން
- ވަޒީފާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ފުރިހަމަ ޓްރެއިނިން ނީޑް އެނަލިސިސްއެއް ގައުމީ ފެންވަރުގައި ހެދުން