27 Mar 2019, 17:55
ވިހެއުމުންދޭ މޭޓާނީޓީ ލީވް އެމްޑަބްލިޔުއެސްސީގެ މުވައްޒިފުންނަށް ވެސް ދީފި އެވެ.
ވިހެއުމުން ދޭ މޭޓާނިޓީ ލީވް ހަ މަސް ދުވަހަށް އިތުރުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިދިޔަ މަހު އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ ވިހެއުމުން ކުއްޖާގެ މަންމަ އަށް ދޭ ޗުއްޓީ ހަ މަހަށް އަދި ބައްޕަ އަށް އެއް މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އިއުލާން ކުރައްވާފަ އެވެ.
އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަން އިއުލާންކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި (އެމްޑީ) އާދަމް އާޒިމެވެ.
އެމްޑީ ވިދާޅުވީ ސަރުކާރަށް 100 ދުވަސްތެރޭގައި ކުރުމަށް ނިންމާފައިވާ ވިހެއުމުން އަންހެނުންނަށާއި ފިރިހެނުންނަށް ލިބިގެންދާ ޗުއްޓީ އިތުރުކުރުމަކީ އުފަލާއެކު އެ ކުންފުނިން ބަލައިގަންނަ ކަމަށެވެ.
"މާބަނޑު އަދި ޅަދަރިމައި މުވައްޒަފުންނަށް ލުއިފަސޭހަ ގޮތް ހޯދައިދޭ ޕޮލިސީއަށް މެޓާނިޓީ ލީވް ދުވަސްތަކަށް އައި ހެޔޮ ބަދަލާއެކު ޕޮލިސީ އިތުރަށް ފުރިހަމަވެގެންދާނެ. މި ކުންފުންޏަކީ މީގެ ކުރިންވެސް އެފަދަ ފަރާތްތަކަށް ގިނަ ގުނަ ލުއި ފަސޭހަތަށް ފޯރުކޮށްދީފައިވާ ކުންފުންޏެއް،"

އެމްޑަބްލިޔުއެސްސީގެ އެމްޑީ އާދަމް އާޒިމް--
އާޒިމް ވިދާޅުވީ މެޓާނިޓީ ލީވްއަށް ހަ މަސް ދުވަހުގެ ޗުއްޓީ ނެގޭ ގޮތަށް ބަދަލު ގެނައުމާއެކު އެ ކުންފުނިން މާބަނޑު އަންހެނުންނާ ޅަދަރިމައިންނަށް އަމާޒުކޮށްގެން ތައާރަފްކޮށްފައިވާ ޕޮލިސީގެ ދަށުން ވިހެއުމަށް ފަހު ހަ މަސް ފަހުން ދަރިފުޅަށް އެއް އަހަރު ފުރެންދެން އޮފީހަށް ނުނިކުމެ ގޭގައި ހުރެގެންވެސް މަސައްކަތް ކުރެވޭނެ ކަމަށެވެ.
"ހަ މަސްފަހުން އޮފީހަށް އަނބުރާ އަންނަން ބޭނުންވާނަމަ ދަރިފުޅަށް އަހަރު ވަންދެން ހަތަރު ގަޑިއިރު ބްރޭކް އާއެކު ލުއި ފަސޭހަ ގޮތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ،"
އާއިލާއަށް ވަގުތު ދިނުމަށް ބާރު އަޅުއްވާ ވާހަކަފުޅު ދައްކަވަމުން އެމްޑީ ވިދާޅުވީ ލިބިގެންދާ ދުވަސްތައް ހެޔޮ ގޮތުގައި ބޭނުން ހިފަންޖެހޭނެ ކަމަށާއި ހަރުދަނާ މުޖުތަމައުއެއް ބިނާކުރެވޭނީ ހަރުދަނާ އާއިލާއެއް ބިނާކުރުމުން ކަމަށެވެ.
"އޮފީހުގައި މަސައްކަތްކުރާ އަށް ގަޑިއިރަށްފަހު އާއިލާއަށް އެހެން ގަޑިތައް ދިނުން މުހިއްމު. މަންމަ ބައްޕަ އަނބިދަރިންނަށް ވަގުތު ދިނުން މުހިއްމު،"
ރައީސް ސޯލިހްގެ އެ ނިންމުމާ އެކު ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުން ވަނީ އެ ނިންމުމާ އެއްގޮތަށް މެޓާނިޓީ ލީވް އިތުރުކޮށްފަ އެވެ. މީގެ ކުރިން މެޓާނިޓީ ލީވް ދެމުން އައީ މަންމަ އަށް ތިން މަސް ދުވަސް އަދި ބައްޕަ ތިން ދުވަހަށެވެ.