ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އިންޑިއާ، މެލޭޝިއާ އަދި ލަންކާ ގައި ދިރިއުޅޭ ދިވެހިން އާސަންދަ އެބްރޯޑް ޕޯޓަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އާސަންދަ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާދަމާ ހަވީރު 4:00 އިން ފެށިގެން ލަންކާގައި ހުންނަ އާސަންދަ އޮފީހުގައި "އާސަންދަ އެބްރޯޑް ރެޖިސްޓްރޭޝަން ކޭމްޕް" ގެ ނަމުގައި ކޭމްޕެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިދިޔަ މަހު ރައީސް ސޯލިހު ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭޕްރީލް މަހުން ފެށިގެން ލަންކާ ގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ލިބޭނެ ކަމަށެވެ.

އާސަންދަ އެޕްރޯޑު ޕޯޓަލްގައި އޮންލައިންކޮށް ރެޖިސްޓްރީ ކުރެވޭނެ ކަމަށް އާސަންދަ އިން ބުންޏެވެ.

މެލޭޝިއާ، ލަންކާ އަދި އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމުތަކެކެވެ.