29 Mar 2019, 15:30
ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިންގެ ކެންޑިޑޭޓުންނަށް ސަރުކާރު ކެންޑިޑޭޓުންނޭ ބުނުމަކީ މައްސަލައެއް ނޫން ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވި ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާޙިމް ހޫދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ ޕާޓްނަރުން ވާދަ ކުރައްވަނީ ވަކިވަކިންނެވެ. އަދި ބައެއް ޕާޓީތަކުގެ ކެންޑިޑޭޓުން ވިދާޅުވަމުން އަންނަނީ އެ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށެވެ.
އިއްޔެ ރާއްޖޭގެ މީޑިއާކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ ކޯލިޝަންގައި ދެމިތިބިހާ ހިނދަކު އެ ފަރާތްތަކަށް، އެ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް ބުނެވޭނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން" އަށް ވިދާޅުވީ، ރައީސް އެގޮތަށް ވިދާޅުވި ކަމަށެވެ. އޭގެ މާނައަކީ އެ ކެންޑީޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓުންތޯ ސުވާލުކުމުން ހޫދު ވިދާޅުވީ، އެއީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް ރައީސް ވިދާޅު ނުވާ ކަމަށާއި ނަމަވެސް އެކެންޑިޑޭޓުންނަށް އެގޮތަށް ވިދާޅުވެވޭނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
"ރައީސް އެގޮތަށް ނިންމެވީކީ ނޫން [އެއީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް]. ރައީސް ވިދާޅުވީ އެ ފަރާތްތަކަކީ، ކޮންމެހެން ސަރުކާރުގެ ކެންޑިޑޭޓުންނޭ ވެސް ނުވަތަ ނޫނޭކޭ ވެސް ނޫން ... ރައީސް ވިދާޅެއް ނުވޭ އެމީހުންނަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް. ރައީސް ވިދާޅުވީ، އެ ކެންޑީޑޭޓުންނަކީ ކޯލިޝަންގެ ޕާޓީތަކަށް ނިސްބަތްވާ ކެންޑީޑޭޓުންނަށް ވުމުން އެ ކެންޑިޑޭޓުންނަށް އެގޮތަށް ވިދާޅުވެވޭނެ ކަމަށް،" ރައީސް ވިދާޅުވި ވާހަކައިން އެއީ ސަރުކާރުގެ ކެންޑިޑޭޓުންތޯ މާނަކުރެވިދާނެތޯ ސުވާލު ކުރުމުން ހޫދު ވިދާޅުވި އެވެ.
އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިންގެ މެދުގައި ދާއިރާތައް ބަހާނެ ގޮތެއް ކަނޑަ ނޭޅި ހަތަރު ބައިވެރިން ވެސް ވާދަ ކުރައްވަނީ ވަކި ވަކިންނެވެ.
ނަމަވެސް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި އެމްޑީޕީ އިން ވަނީ ބައެއް ދާއިރާތަކުން ދެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ނިންމައިފަ އެވެ. އަދާލަތުން އެމްޑީޕީގެ ފަސް ކެންޑީޑޭޓަކަށް ތާއީދު ކުރާ އިރު، އެމްޑީޕީން އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ވަނީ ނިންމައިފަ އެވެ.
އެމްޑީޕީ އިން މަޖިލީހުގެ 85 ދާއިރާއަށް ވާދަ ކުރާ އިރު، ޖުމްހޫރީ ޕާޓީން ވާދަ ކުރަނީ 49 ދާއިރާއަކަށެވެ. އަދާލަތުން އަށް ދާއިރާއަކަށް ވާދަ ކުރާ އިރު ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމުގެ ތާއީދާ އެކު 20 ދާއިރާއަކަށް ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަ ކުރެ އެވެ.
ނިމި ދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ، ޖޭޕީ، ރައީސް މައުމޫންގެ އެމްއާރުއެމް އަދި އަދާލަތު ޕާޓީ އިން އިންތިހާބަށް ނުކުތީ ކޯލިޝަންއެއްގެ ގޮތުގައި ގުޅިގެންނެވެ. އަދި ރިޔާސީ އިންތިހާބަށް ފަހު އަންނަ ހަފުތާގެ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހަށް ގުޅިގެން ވާދަ ކުރުމަށް ވެސް މަޝްވަރާ ކުރި އެވެ. އަދި ޖޭޕީ އާއި އެމްޑީޕީ އިން ގުޅިގެން ވާދަ ކުރުމަށް އެއްބަސްވުމެއްގައި ސޮއި ވެސް ކުރި އެވެ. ނަމަވެސް އެމްޑީޕީ އިން ހުރިހާ ދާއިރާ އަކަށް ވާދަ ކުރުމަށް ނިންމުމުން އެކަން ވަނީ ނުވެފަ އެވެ. އެއަށް ފަހު ޖޭޕީ އިން ވަނީ އިދިކޮޅު ޕްރޮގޮރެސިވް ކޯލިޝަނާ އެކު މަޖިލީހަށް ވާދަ ކުރުމަށް ނިންމައި ދެ ފަރާތުގެ ދެމެދުގައި ދާއިރާތައް ބަހަލައިގެން ވާދަ ކުރުމަށް ނިންމައިފަ އެވެ.