29 Mar 2019, 22:17
ގާނޫނުތަކުގެ ކުރިމަތީގައި ފުލުހުން ނަމޫނާ ދައްކަންޖެހޭ ކަމަށާއި އެއީ ގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ކުރަންޖެހޭ ކަމެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މުވައްސަސާ އަށް 86 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ގާނޫނުތަކަށް ތަބައަވެ، ގާނޫނުތަކުގެ ކުރިމަތީގައި ރިވެތި ނަމޫނާ ދެއްކުމަކީ ގާނޫނުތަކަށް އަނެކުން އަހުލުވެރިކުރުމަށް ކޮންމެހެން ބޭނުންވާ ސިފައެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންނަކީ ބޮޑެތި ޒިންމާތަކެއް ކޮނޑުގައި އެޅިފައިވާ ބައެއް ކަމަށާއި ގާނޫނީ ބޮޑެތި ޒިންމާ އަދާ ކުރުމުގައި ދެމިތިބުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
ނަމަވެސް ފުލުހުންގެ މުވައްސަސާ މިހާހިސާބަށް އައިސްފައިވަނީ ފުލުހުންގެ ހިތްވަރުގަދަ ކަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދިވެހިންގެ އަބުރާ އިއްޒަތް ސަލާމަތްކޮށް، ދިވެހިންގެ ޝަރަފާ ކަރާމާތް ހިމާޔަތްކުރުމަކީ ފުލުހުންގެ ޒިންމާއެއް. ގާނޫނުތައް ނަގަހައްޓާ، ގާނޫނުގެ ކުރިމަތީ ހަމަހަމަކަން ގާއިމް ކުރުމަކީ ފުލުހުންގެ ޒިންމާ އެއް،" އިމްރާން ވިދާޅުވިއެވެ.
ގާނޫނާ ހިލާފަށް ބޮޑެތި ކުށްތައްކޮށް، މުޖުތަމައުގައި ޖަރީމާތައް ހިންގާ މީހުންނާއި ރައްޔިތުންނަށް ގެއްލުންދެނެވި ކަންތަކަށް އަރައިގަންނަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ފުލުހުންގެ ވާޖިބެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ
އަދި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީ، ރައްޔިތުންގެ ފުރާނައަށް ގެއްލުންވާފަދަ ކޮންމެ މީހެއް ހުއްޓުވުމަކީވެސް ފުލުހުންގެމަސްއޫލިއްޔަތެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި މުހިއްމު ސިފަތަކެއް އަށަގަންނަވަންޖެހޭ ކަމަށެވެ. އެގޮތުން ދީނާއި ގައުމަށް އަދި ރައްޔިތުންނަށް އިހުލާސްތެރިވެ، އަދުލްވެރިކަމާއި އިންސާފާއި ހަމަހަމަކަން ގާއިމް ކުރުމަކީ ފުލުހުންގެ ކިބާގައި އަށަގަންނަވަންޖެހޭ ސިފައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފުލުހުންގެ ކޮނޑުގައި އެޅިފައިވާ މި ބޮޑު މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިވެހިންގެ އެއްބާރުލުމާއި އިހުތިރާމު ފުލުހުންނަށް ބޭނުންވޭ. ފުލުހުންނަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއެކު މަސައްކަތްކުރެވޭ ބަޔަކަށް ހަދަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ފުލުހުން އަތްދިއްކޮށްލާ ކޮންމެ ފަހަރަކު، ފުލުހުންނަށް އެހީވުމުގައި ރައްޔިތުން ތެދުވަންޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ. ފާއިތުވި ދުވަސްތަކުގައި ފުލުހުންނަށް ފޯރާފައިވާ ނުފޫޒުގެ ސަބަބުން ފުލުހުންގެ ބަދަހި ސަފުތަކަށް އަސަރުތަކެއް ކުރުވާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
"މި ނުރައްކާތެރިކަމުން އަރައިގަނެ، ދިވެހި ފުލުހުން ކުރިއަށް ދިޔުމަށްޓަކާ ދިވެހި ރައްޔިތުންނާއި ސަރުކާރު އަދި ފުލުހުން ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭ،" ފުލުހުންނަށް ރައްޔިތުންގެ އިހުތިރާމާއި އިތުބާރު ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ފުލުހުންގެ ސަފުތައް ބަދަހި ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޓް އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ފުލުހުންގެ މުވައްސަސާ ގެ އިސްވެރިން ގެންދަވަނީ ގިނަ ހަރަކާތްތަކެއް ހިންގަމުން،" ފުލުހުންނާ މެދު ހުށަހެޅޭ ޝަކުވާތައް ބެލި ރަނގަޅު ނިޒާމެއްގެ ތެރެއިން އެކަންތައް ބެލުމަށް ތައްޔާރު ވަމުންދާކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ފުލުހުންގެ މުވައްސަސާ އަށް އެކިގޮތްގޮތުން އެހީީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށާއި ފުލުހުންގެ މުވައްސަސާ އަށް ރީތި ނަން ހޯދައިދިން ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވައިފައެވެ.