ޗައިނާގެ ޓެލެކޮމް ޖަޔަންޓް ވާވޭއަށް މިދިޔަ އަހަރު ލިބުނު ވިޔަފާރީގެ އާމްދަނީ 100 ބިލިއަން ޑޮލަރަށް އަރާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވާވޭއަށް ބޮޑު އާމްދަނީއެއް ލިބިފައި މިވަނީ އެމެރިކާއިން އެ ކުންފުންޏާ ދެކޮޅަށް އަޅާފައިވާ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އެގޮތުގައި އޮއްވައެވެ. އެމެރިކާގެ އިތުރުން އެގައުމަށް ވާގިދޭ އެހެން ގައުމުތަކުންވެސް ވަނީ ވާވޭއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އެ ގައުމުތަކުން ބުނެފައިވަނީ ވާވޭއަކީ ޗައިނާ ސަރުކާރުން ޖާސޫސްކުރުމަށް ބޭނުންކުރާ ހަތިޔާރެއް ކަމަށެވެ.

ވާވޭއިން ބުނެފައިވަނީ އެކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމާއެކު މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާވެސް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 25 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. ވާވޭއަށް 2018 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ އަށް ބިލިއަން ޑޮލަރެވެ.

ވާވޭ އަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމް އިކުއިޕްމެންޓް އުފައްދާ، ވިއްކާ ކުންފުންޏެވެ. ޗައިނާގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ވާވޭގެ އުފެއްދުންތަކަށް ބޮޑު ތަރުހީބެއް ލިބެއެވެ. ހާއްސަކޮށް ހައި އެންޑް ފޯނުތަކާ އެއްވަރުގެ މިޑް ރޭންޖު ފޯނުތައް ހެޔޮ އަގެއްގައި ވާވޭ އިން ވިއްކައެވެ. އެ ކުންފުނީގެ ހައި އެންޑް ފްލެގްޝިޕް ފޯނުތަކަކީ ބާޒާރުގައި މިހާރު އެއްވަނައެވެ.