އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ދިޔަ ހިންދުސްތާން މެރަތަންގެ ފުލް މެރަތަން ކެޓަގަރީގެ އެއް ވަނަ، ރާއްޖޭގެ ދިގު ދުވުންތަކަށް ހާއްސަ ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު) ހޯދައިފި އެވެ.

ސާޅިސް ދެ ކިލޯ މީޓަރުގެ ދިގު އެ މެރަތަން ނަސްރު ނިންމާފައި ވަނީ ތިން ގަޑިއިރު 29 މިނަޓު މެދު ކެނޑުމެއް ނެތި ދުވެގެންނެވެ. އިންޑިއާގައި މިދުވަސްވަރަކީ އާދަޔާ ޙިލާފަށް ހޫނު ދުވަސްވަރަކަށް ވެފައި ދިއްލީގައި މިއަދުގެ ފިނިހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސްގަ އެވެ. އެހާ ހޫނު ގަދަ ވަގުތެއްގައި ގިނައިރުތަކެއް ވަންދެން ނަސްރު ދުވެފައިވާ އިރު އޭނާ ބުނީ ކުރިން ވެސް ހޫނަށް ތައްޔާރުވެފައިވާ ކަމަށެވެ.

"މި ކާމިޔާބީގެ ސިއްރަކީ ހޫނުގައި ޓްރެއިނިން ހަދާފައިވުން. ވަރުގަދަ އެތުލީޓުން ރޭހުގައި ދުވެ އެކަމަކު ހޫނަށް ކެތްނުކުރެވިގެން ހުއްޓާލީ،" ނަސްރު ބުންޏެވެ.

މަޝްހޫރު ކޮކަކޯލާ ކުންފުނީގެ ރާއްޖެއިން ހަމަޖައްސާފައިވާ ބްރޭންޑް އެމްބެސަޑަރު ނަސްރު އަކީ ރާއްޖެއިން މިހާތަނަށް އެންމެ ގިނަ މެރަތަން ފުރިހަމަ ކުރި ދުވުންތެރިޔާ އެވެ. މިހާތަނަށް 42 މެރަތަން ފުރިހަމަ ކޮށްފައިވާ ނަސްރު މިއަހަރަށް ވަނީ އިތުރު 30 މެރަތަން ދުވުމަށް އަމާޒު ކަނޑަ އަޅައިފަ އެވެ.

ސްޕޮންސާޝިޕުގެ ދަށުން ނަސްރު އަށް ކޮކާކޯލާ އިން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ކޮކާކޯލާ އިން ފިޓްނަސް ޕްރޮމޯޓްކުރުމަށް ޓަކައި ސްކޫލްތަކާއި އެކިއެކި ތަންތަނުގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ނަސްރު ބައިވެރިވެ ކިޔަވައިދޭނެ އެވެ.

ނަސްރު ބުނީ ކޮކާކޯލާގެ ސްޕޮންސާޝިޕުގެ އިތުރުން، ދުވުން ކުރިއަށް ގެންދިއުމަށް ސިފައިންގޭގެ ޗީފް އަބްދުﷲ ޝަމާލާއި ދިވެހި ސިފައިންގެ ކްލަބުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

މިދިޔަ އަހަރު 13 މެރަތަން ދުވެ ރާއްޖޭގެ ދިގު ދުވުމުގެ ރެކޯޑް އޮންނަ ނަސްރު އަކީ ދުވުމުގެ އިތުރުން އޮންލައިންކޮށް ދުވުމުގެ ކޯޗުކަން ވެސް ކޮށްދެމުން އަންނަ ފަރާތެކެވެ. އެގޮތުން ރާއްޖޭގައި ކުރި އަރަމުން އަންނަ ޒުވާން ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑް)ގެ ތަމްރީންތައް ވެސް ބައިނަލްއަގްވާމީ ކޯޗެއްގެ ބެލުމުގެ ދަށުން ކުރިއަށްގެންދަނީ ނަސްރު އެވެ.