08 May 2019, 14:46
ﷲ ގެ ނަބިއްޔާ ނޫޙު ޢަލައިހިއްސަލާމު، ހިދާޔަތުގެ މަގަށް ގޮވައިލެއްވީ ދެ ކޯރުގެ ދެމެދުގައި ވާ ބިމުގައި ނުވަތަ އިރާގުގައެވެ. މި ދައުވަތުގެ މުހިންމުކަން ގުޅިފައި ވަނީ މި ކަމުގައި ހޭދަވެގެން ދިޔަ، ހާހެއް ހައި އަހަރުގެ ދިގު ޒަމާނާ އެކަންޏެއް ނޫނެވެ. އަދި ކީއް ހެއްޔެވެ! މިއީ ނަބިއްޔަކާއި އެކަލޭގެފާނުގެ ގައުމާ މެދު އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ އެންމެ ފުރަތަމަ ނަބިއްޔާގެ ވާހަކައެވެ. ނޫޙުގެފާނަކީ އުލުލްޢަޒްމިގެ ނަބީބޭކަލުންގެ ތެރެއިން ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ އެންމެ ފުރަތަމަ ނަބިއްޔާ އަދި ރަސޫލާއެވެ.
"ނޫޙު ޢަލައިހިއްސަލާމަކީ އެންމެ ފުރަތަމަ ރަސޫލާ. އެކަލޭގެފާނުގެ ކުރީން ވެސް ނަބީން ފޮނުއްވުނު. އިދްރީސް ޢަލައިހިއްސަލާމާއި އާދަމުގެފާނުގެ ދަރިކަލުން ޝީސް ޢަލައިހިއްސަލާމާއި އާދަމް ޢަލައިހިއްސަލާމަކީ ނޫޙުގެފާނުގެ ކުރީން ފޮނުއްވުނު ނަބިއްޔުން. އެހެންނަމަވެސް އެބޭކަލުންނަކީ ރަސޫލުންނެއް ނޫން. ވީމާ އެންމެ ފުރަތަމަ ރަސޫލަކީ ނޫޙު ޢަލައިހިއްސަލާމް." އަޒްހަރު ޔުނިވަރސިޓީގެ އުސްތާޒެއް ކަމުގައިވާ ޑރ. މުޙައްމަދު އަބޫ ލައިލާ ވިދާޅުވިއެވެ.

ބާބިލުގެ ޙިއްލާގެ ބިން، ނޫޙުގެފާނުގެ ގައުމު އުޅުނީ މި ބިމުގައި
ބާބިލުގެ ބިމަކީ އިންސާނުން އެންމެ ފުރަތަމަ ވަޒަންވެރިވި ބިންތަކުގެ ތެރެއިން އެއް ބިމެވެ. ދިޖުލަތު ކޯރާއި ފުރާތު ކޯރާ ދެމެދުގައި ވާ މި ބިމަކީ ނުބުއްވަތުގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައި ވާ ބިމެކެވެ. ސައްޔިދުނާ ނޫޙު ޢަލައިހިއްސަލާމުގެ ރިސާލަތާ ގުޅިފައި ވާ ބިމަކީ ވެސް މިއީއެވެ. ނޫޙުގެފާނުގެ ޤައުމުގެ ވަޒަނަކީ ތުރުކީގެ ދެކުނުން ފެށިގެން ޢިރާޤުގެ ދެކުނާ ހަމަޔަށް ދެ ކޯރުގެ ދޭތެރޭގައި އޮތް ބިމެވެ.
"ނޫޙުގެފާނު ފޮނުއްވުނީ އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް. ނޫޙުގެފާނުގެ ގައުމުގެ މީހުން ދިރިއުޅުނީ ތުރުކީގެ ދެކުނުގައި ދެ ކޯރުގެ ދެމެދުގައިވާ ބިމުގައި. ދިޖުލަތު ކޯރާއި ފުރާތު ކޯރާ ދެމެދުގައިވާ ބިމަކީ ނޫހުގެފާނުގެ ގައުމުގެ ވަޒަން." ޑރ. ޒަޣުލޫލު އައްނައްޖާރު ވިދާޅުވިއެވެ.
ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ހަދީސްފުޅުތަކުން ނޫޙުގެފާނުގެ ރިސާލަތާ މެދު އައިސްފައި ހުރި ވާހަކަތަކުން ނޫޙުގެފާނުގެ ކެތްތެރިކަމާއި، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ޖާހިލުކަމާއި މަގު ފުރެދުމުގެ ބޮޑު ކަން އެނގިގެންދެއެވެ. އަދި ފާފަވެރިކަން މަތީގައި ދެމި ތިބޭ ބަޔަކަށް ކޮންމެ ވަގުތެއްގައި ވެސް ﷲ ގެ އަޒާބާ ކުރިމަތިލާން ޖެހިދާނެ ކަން އެނގެއެވެ.
"ނޫޙުގެފާނު ފޮނުއްވުނީ އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް. އެމީހުން މަގު ފުރެދި ކާފަރު ވެގަތުމުން. ހިދާޔަތުގެ މަގަށް ދައުވަތު ދެއްވުމަށް ޓަކައި. އެމީހުންގެ ތެރޭގައި އޮތީ ޝިރުކު ކުރުން އާންމުވެފައި. އެކަލޭގެފާނު އެމީހުންނަށް ދީނަށް ގޮވައިލެއްވުމުގައި 950 އަހަރު ހުންނެވި. ޠޫފާން އައީ މީގެ ފަހުން." މައްކާ އޯޕަން ޔުނިވަރސިޓީގެ މުދީރު ޑރ. ޢަލީ ބިން ޙަމްޒާ އަލްޢުމަރީ ވިދާޅުވިއެވެ.
"ނޫޙުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ދީނަށް ގޮވައިލެއްވުން މަތީގައި 950 އަހަރު ހޭދަ ކުރެއްވި. އެކަލޭގެފާނުގެ އުމުރުފުޅުން ގާތްގަނޑަކަށް ސާޅީހަކަށް އަހަރުފުޅުގައި ރަސޫލުކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން، ގައުމުގެ މީހުންނަށް ދީނަށް ގޮވައިލެއްވުމުގައި ދިގު ޒަމާނެއް ހޭދަ ކުރެއްވި ނަމަވެސް އެމީހުންގެ ތެރެއިން އެކަލޭގެފާނަށް އީމާންވީ ވަރަށް މަދު ބައަކު. ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅަކުން އެނގޭ ގޮތުން އެންމެ ފުރަތަމައަށް ﷲ އުރެދުނު ބަޔަކީ ނޫޙުގެފާނުގެ ގައުމުގެ މީހުން. އާދަމުގެފާނާއި ނޫޙުގެފާނާ ދެމެދު ތިބީ ތައުޙީދުގެ މަތީގައި ސާބިތުވެގެން ތިބި ޖީލުތަކެއް. މި ދެމެދުގައި 10 ގަރުނު ހޭދަވި." ޑރ. ޒަޣުލޫލު އައްނައްޖާރު ވިދާޅުވިއެވެ.
ނޫޙުގެފާނުން އެ ގައުމަކަށް ފޮނުއްވުނު ގައުމަކީ އިންސާނުން އޭގެ މަތީގައި ﷲ ލައްވައިފައިވާ ފިޠުރަތާ ޚިލާފުވެގަތް ބައެކެވެ. އެމީހުންނަކީ ފާފަ ކުރުމާއި ނުކިޔަމަންތެރިވުމުގައި ހައްދު ފަހަނައަޅައި ދިޔަ ބައެކެވެ.
"އިންސާނުންގެ ތެރޭގައި ފަސާދަ ފެތުރި އާންމުވާން ފެށުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ރަސޫލުން ފޮނުއްވާ. ﷲ ވަޙީ ކުރައްވައިފައި ވަނީ ރަސޫލަކު ފޮނުވުއްވައި ނަސޭހަތާއި އިންޒާރު ދެއްވުމަށް ފަހު މެނުވީ އެއްވެސް ބަޔަކަށް އަޒާބު ނުދެއްވާ ކަމަށް. އަދި ﷲ ވަޙީ ކުރައްވަނީ އިންޒާރު ދެއްވާނޭ ބޭކަލަކު ނުފޮނުއްވާ އެއްވެސް އުއްމަތެއް ނެތް ކަމަށް." ޑރ. މުޙައްމަދު އަބޫ ލައިލާ ވިދާޅުވިއެވެ.
އެ ޤައުމުގެ މީހުން ﷲ ފިޔަވައި އަޅުކަން ކުރަމުން ދިޔައީ ބުދުތަކަށެވެ. އެ މީހުންގެ ތެރޭގައި އަޅުކަން ކޮށް އުޅުނު ފަސް ބުދެއްގެ ނަން ތާރީޚުން އެނގެއެވެ. އެއީ ވައްދު އާއި ސުވާޢު އާއި ޔަޣޫޘު އާއި ޔަޢޫޤު އާއި ނަސްރުއެވެ. މިއީ ހަމަ އެކަނި ބުދުތަކެއްގެ ނަން ބާވައެވެ؟ ނުވަތަ އެމީހުންގެ ތެރޭގައި ނަގައި ކީ ބޮޑުންތަކެއްގެ ސިފައިގައި ހަދައިފައި ހުރި ތިމްސާލުތަކެއް ބާވައެވެ؟ ކީރިތި ޤުރްއާނުގައި ވެސް މި ނަންތައް ގެންނަވައިފައިވެއެވެ.
"ޝައިޠާނާ އައިސް އެ މީހުންގެ ތެރެއިން މަރުވެގޮސްފައިވާ ޞާލިޙުންގެ ހަނދާންތައް އައު ކުރުމުގެ ނަމުގައި އެމީހުންނަށް ވަސްވާސް ދިން. މި ވަސްވާސްތަކަށް ހެއްލި، އެމީހުން އެފަދަ މުހިންމު ޝަހުސިއްޔަތުތައް އުޅުނު ގެތަކުގައި އެމީހުންގެ ހެދުންތައް ލައްވައިފައި އެމީހުންގެ ސިފަޔަށް އަދި ދިރި ތިބެ އެމީހުން ގޮނޑިތަކުގައި އިށީނދެ ތިބި ފަދައިން ބުދުތައް ހެދި. އެންމެ ފުރަތަމައަށް މީސްތަކުން އެތަންތަނަށް ޒިޔާރަތްކުރީ އެމީހުންގެ ގައުމުގެ މީހުންގެ ތެރެއިން މަރުވެ ގޮސްފައިވާ މުހިންމު ޝަހުސިއްޔަތުތަކުގެ ޒިކުރާ އާ ކުރަން. އެހެންނަމަވެސް ފަހުން އެއީ އިލާހާއި އެމީހުންނާ ދެމެދު މުވާސަލާތު ކޮށްދޭނޭ ވަސީލަތެއް ކަމަށް ބަލައި އެމީހުން މެދުވެރިކޮށް ދުއާކޮށް އަދި އޭގެ ފަހުން ސީދާ އެ ބުދުތަކަށް އަޅުކަން ކުރާން ފެށި." ޑރ. ޒަޣުލޫލު އައްނައްޖާރު ވިދާޅުވިއެވެ.
ފަހުގެ ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި އެ ނަންތަކަކީ އެ ގައުމުގެ މީހުންގެ ތެރެއިން ދީނުގެ ކަންތައްތަކުގައި ނަގައި ކިޔައި އުޅުނު ކާހިނުންގެ ނަންތަކެވެ. އެ ބުދުތަކަކީ އެ ކާހިނުންގެ ބުދުތަކެވެ. އެމީހުންނަކީ މަގުފުރެދި އަދި މީހުން މަގު ފުރައްދަމުން ދިޔަ ބައެކެވެ. އެމީހުންވަނީ މީސްތަކުންގެ ބުއްދިއާ ކުޅެލައިފައެވެ. ނޫޙުގެފާނުގެ ރިސާލަތަށް މީހުން އިޖާބަ ނުދިނުމުގެ އެންމެ ބޮޑު ސަބަބަކަށް ވީ މަގުފުރެދިފައި ތިބި ކާހިނުންގެ މަސައްކަތެވެ.
"ނޫޙުގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނު އަރިހުގައި ބުނީ ކަލޭގެފާނަކީ ވެސް ތިމަންނަމެން ފަދަ އިންސާނެއް ކަމަށޭ ތިމަންނަމެންނަށް ފެންނަނީ. ކަލޭގެފާނަށް ތަބާވަނީ ނިކަމެތީންގެ ތެރެއިން ބުއްދި ނެތް މީހުންނޭ. ކަލޭގެފާނާއި ކަލޭގެފާނާ އެކުގައިވާ މީހުންނަށް އެއްވެސް ކުރިއެރުމެއް އަންނަ ތަނެއް ނުފެނެޔޭ. ތިމަންނަމެން ގަބޫލުކުރަނީ ތިޔައީ ދޮގު ހަދާ ބައަކު ކަމަށޭ. މި ގޮތުން އެމީހުން އެކަލޭގެފާނު ދޮގު ކުރި. އެމީހުން ބޭނުމެއް ނުވި، ހައްގުގެ މަގަށް ތަބާވާކަށް." ޑރ. މުޙައްމަދު އަބޫ ލައިލާ ވިދާޅުވިއެވެ.
ނޫހުގެފާނުގެ ގައުމު ބެހިގެން ދިޔައީ ދެ ބަޔަކަށެވެ. އެއް ބަޔަކީ އާދައިގެ ނިކަމެތި ރައްޔިތުންނެވެ. އެމީހުންގެ ތެރެއިން ބަޔަކު ނޫޙުގެފާނުގެ ރިސާލަތަށް އިޖާބަ ދިނެވެ. ދެން ތިބީ މުއްސަނދީންނާއި ބޮޑުންނާއި ކާހިނުންނެވެ. އެމީހުން ނޫޙުގެފާނުގެ ރިސާލަތަށް އިޖާބައެއް ނުދިނެވެ. އަދި އެކަލޭގެފާނަށް ދުއްތުރާ ކޮށް، އެކަލޭގެފާނުގެ ބަސްފުޅުތައް ދޮގު ކުރަމުން ދިޔައެވެ. އެމީހުން ގަބޫލު ކުރި ގޮތުގައި ނޫޙުގެފާނަށް އީމާންވުމަކީ އެމީހުންގެ ޖާހާއި އިއްޒަތު ގެއްލި ނިކަމެތީންނާ އެއް ދަރަޖައަކަށް ވައްޓައިލާނޭ ކަމެކެވެ.
"ގައުމުގެ މީހުންނަށް ހިދާޔަތުގެ މަގަށް ގޮވައިލައްވައި، އެ ދައުވަތު އެމީހުން ގަބޫލު ކުރޭތޯ ކުރެވޭން ހުރި ހުރިހާ ކަމެއް ނޫޙުގެފާނު ކުރެއްވި. ވަކިވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ވެސް ނަސޭހަތް ދެއްވި. އީމާންވެއްޖެ ބަޔަކަށް ހުރި ނިޢުމަތްތަކުގެ ވާހަކައިން އުފާވެރިކަމުގެ ޚަބަރު ދެއްވި. އަދި ކާފަރު ވެއްޖެ ބަޔަކަށް ހުރި އަޒާބުގެ ވާހަކައިން އިންޒާރު ދެއްވި. އެހެންނަމަވެސް މިއިން އެއްވެސް ކަމަކުން އެދެވޭ ނަތީޖާއެއް ނުނުކުތް." ޑރ. ޒަޣުލޫލު އައްނައްޖާރު ވިދާޅުވިއެވެ.
ދީނަށް ގޮވައިލެއްވުން މަތީގައި ގިނަ ޒަމާންތަކެއް ވާންދެން ނޫޙުގެފާނު ހުންނެވިއެވެ. އެތައް ޖީލެއްގެ މީހުންނާ އެކަލޭގެފާނާ ބައްދަލުވި އެހެންނަމަވެސް ވަރަށް މަދު ބަޔަކު ނޫނީ އެކަލޭގެފާނަށް އީމާނެއް ނުވިއެވެ. ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް އަޒާބު ފޮނުއްވުމަށް އިރާދަކުރައްވައިފި ހިނދު، ނާކޮޅެއް ބެންނެވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ނޫޙުގެފާނަށް އަމުރު ކުރެއްވިއެވެ. އަދި ނާކޮޅު ބަންނަވާނޭ ގޮތް އުނގަންނަވައިދެއްވިއެވެ. އެއީ ނޫޙުގެފާނާއި އެކަލޭގެފާނަށް އީމާންވީ މީހުން އެ އަޒާބުން ސަލާމަތް ކުރެއްވުމަށް ޓަކައެވެ. ނޫޙުގެފާނުގެ ޤައުމަށް ﷲ ފޮނުއްވީ ފެނުގެ ޠޫފާނެކެވެ.
"ނޫޙުގެފާނަށް ﷲ އެންގެވީ ނާކޮޅެއް ބެންނެވުމަށް. އަދި އެ ނާކޮޅު ބަންނަވާނޭ ގޮތް ވެސް އުނގަންނަވައިދެއްވި. އެއީ ނާ ބަނުމަކީ އޭރަށް ބަލާ އިރު، އާ ކަމަކަށް ވާތީ." ޑރ. މުޙައްމަދު އަބޫ ލައިލާ ވިދާޅުވިއެވެ.
ޠޫފާން އައުމުގެ ކުރީން އަލިފާން ފަރުބަދަ ގޮވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެއް ކުރިމަތިވިއެވެ. އީމާން ނުވެ ތިބި މީހުންނަށް މިއިން އެއްވެސް ކަމަކުން އަސަރެއް ނުކުރިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ނޫޙުގެފާނަށް އަމުރު ކުރެއްވީ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަހުލުވެރީންނާއި އީމާންވީ އެހެން މީހުންނާ އެކު، ދިރޭ ތަކެތީގެ ތެރެއިން ކޮންމެ ވައްތަރަކުން ޖޯޑެއް ނާކޮޅަށް އެރުވުމަށެވެ. ނޫޙުގެފާނުގެ ނާކޮޅު ﷲ ގެ އަމުރުފުޅާ އެކު ފެންމަތީގައި ދަތުރުކުރަމުން ދިޔައެވެ.

ތުރުކީގައި ހުންނަ އަރާރާތު ފަރުބަދަ. މި ފަރުބަދައިން ނަވެއްގެ ސިފައިގައި ފެންނަ އަސަރަކީ ނޫޙުގެފާނުގެ ނަވުގެ އަސަރުކަމަށް ގިނަ ބަޔަކު ގަބޫލު ކުރޭ
ﷲ ގެ އިރާދަފުޅާ އެއްގޮތަށް ޠޫފާނުގެ ކަންތައް ނިމިގެން ދިއުމަށް ފަހު، ނާކޮޅު ގޮސް ޖޫދީ ފަރުބަދައިގައި ގަރާރު ވިއެވެ. ނޫޙުގެފާނުގެ އަހުލުވެރީންގެ ތެރެއިން ޠޫފާނުގައި ނެތިގެން ދިޔައީ އެކަލޭގެފާނުގެ ނުކިޔަމަންތެރި އަނބިކަނބަލުންނާއި ނުކިޔަމަންތެރި ދަރިކަލެކެވެ.
"ޖޫދީ ފަރުބަދަ ހުންނަނީ ތުރުކީގައި. ނޫޙުގެފާނު ބޭނުންފުޅު ކުރެއްވި ނާކޮޅު ހުއްޓި ގަރާރުވެގެންވީ ޖޫދީ ފަރުބަދައިގައި. އެ ތަނުން އަޅުގަނޑުމެންނަށް މިހާރު ވެސް ނޫޙުގެފާނުގެ ނާކޮޅުގެ އަސަރު، އެ ފަރުބަދަ މަތީން ފެނޭ." ތާރީޚު އިލްމުގެ ޕްރޮފެސަރެއް ކަމުގައިވާ އުސްތާޒު ފައުޒީ އޫޒްދުމީރް ވިދާޅުވިއެވެ.
"ޖޫދީ އަކީ އިރާގުގެ އިމާ ގާތުގައި ތުރުކީގައި ހުންނަ ފަރުބަދައެއް. ދިރާސާވެރީންނަށް ވަނީ މި ސަރަޙައްދުން ނޫޙުގެފާނުގެ ޒަމާނަށް ނިސްބަތްވާ އާސާރުތަކެއް ފެނިފައި." ޢިރާޤުގެ އިލްމުވެރިއެއް ކަމުގައިވާ އަޙްމަދު އަލްކުބައިސީ ވިދާޅުވިއެވެ.
ޖޫދީ ފަރުބަދައިގެ ވަށައިގެންވާ ސަރަޙައްދު އެންމެ ވައްތަރީ ބޮޑު ޙައުޟަކާއެވެ. މި ސަރަޙައްދުގެ އެއް ފަރާތުގައި ވަނީ ބޮޑު ދެ އަލިފާން ފަރުބަދައެވެ. މިއީ ތުރުކީގައި ވާ އެންމެ ބޮޑެތި ފަރުބަދަތަކުގެ ތެރެއިން ދެ ފަރުބަދައެވެ. މީގެ ތެރެއިން އެއް ފަރުބަދައަކީ ޠޫފާނުގެ ކުރީގައި ގޮވި ތަންނޫރު ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ޖޫދީ ފަރުބަދައިގެ ސަރަޙައްދަށް ބެލި ނަމަވެސް އަދި ނޫޙުގެފާނުގެ ޤައުމަށް ނިސްބަތްވާ ހުރިހާ ދިމާއަކަށް ބެލި ނަމަވެސް އެނގިގެން ދަނީ އެ ޠޫފާނަކީ ވާރޭގެ ޠޫފާނެއް ކަމާއި ކަނޑުގެ ޠޫފާނެއް ނޫންކަމަވެ.
"އެއީ ލޮނު ފެނުގެ ނުވަތަ ކަނޑުގެ ޠޫފާނެއް ނޫން. އެއީ ވާރޭ ފެނުގެ އަދި ކޯރު ފެނުގެ ޠޫފާނެއް. އަދި އެ ޠޫފާނަކީ މުޅި ދުނިޔެއަށް ފޮނުއްވުނު ޠޫފާނެއް ވެސް ނޫން. އެ ޠޫފާން ފޮނުއްވުނީ ނޫޙުގެފާނުގެ ގައުމުގެ މީހުން ވަޒަންވެރިވެގެން ތިބި ސަރަޙައްދަށް. ދިޖުލަތު ކޯރާއި ފުރާތު ކޯރާ ދެމެދުގައިވާ ބިމަށް. ފެންގަނޑު ބޮޑުވެގެން ދިޔައިރު، އެ ފެންގަނޑުން އުފެއްދި ރާޅުތައް ވަރަށް ބިޔަ. ފެންގަނޑުގެ އޮއި ވަރަށް ބާރު. ނޫޙުގެފާނު ބެންނެވި ނާކޮޅު ފެންގަނޑު އުފުލޭން ފެށުމުން އެ ފެންގަނޑުގައި ދަތުރު ކުރާން ފެށި. ނޫޙުގެފާނުގެ ގައުމު ހަލާކުވެ ފެންގަނޑު ހިނދިގެން ދިޔަ އިރު، އެ ނާކޮޅު ހުރީ ޖޫދީ ފަރުބަދައިގެ މަތީގައި. ނޫޙުގެފާނުގެ ޒަމާނުގެ ކުރީގައި މިޞްރުގައި މީހުން ވަޒަންވެރިވެފައިވާކަން އެނގޭ. އެހެންނަމަވެސް ނޫޙުގެފާނުގެ ޒަމާނުގައި އެކަލޭގެފާނުގެ ގައުމު ނޫން އެހެން ޤައުމެއް ނެތް ކަމަށް ވެސް ބައެއް މުއައްރިޚުން ވިދާޅުވޭ."ޑރ. ޒަޣުލޫލު އައްނައްޖާރު ވިދާޅުވިއެވެ.
މުޅި ދުނިޔެއަށް އާންމު ޠޫފާނެއް ފޮނުއްވި ވާހަކަ ޤުރުއާނުގައި ކަނޑައެޅިގެން ބަޔާން ކުރައްވައިފައެއް ނުވެއެވެ. އެހެންކަމުން ބައެއް ދިރާސާވެރީން ވިދާޅުވަނީ އެ ޠޫފާނަކީ ހަމައެކަނި ނޫޙުގެފާނުގެ ޤައުމު ވަޒަންވެރިވެގެން އުޅުނު ބިމަށް ފޮނުއްވުނު ޠޫފާނެއް ކަމަށެވެ. އެހެންނަމަވެސް ބައެއް މީހުން ދެކެނީ އެއީ މުޅި ދުނިޔެއަށް އައި ޠޫފާނެއް ކަމަށެވެ.
" ޖޫދީ ފަރުބަދައިގެ ސަރަޙައްދަށް ބަލާއިރު އަޅުގަނޑުމެންނަށް ފެންނަނީ އެ ސަރަޙައްދުގެ ވަށައިގެން ފަރުބަދަތައް ވާ ތަން. އެ ފަރުބަދަތަކަކީ ވަށައިގެން ލެވިފައިވާ ފާރުތަކެއް ފަދަ ފަރުބަދަތަކެއް. ބޮޑެތި ފަރުބަދަތަކެއް. އެ ފަރުބަދަތަކަކީ މި ސަރަހައްދު ރައްކާތެރި ކޮށް ދޭ ފާރެއް ފަދަ ފަރުބަދަތަކެއް. ފަރުބަދަތަކުން ވަށައިލެވިފައި ވާ އެ ސަރަޙައްދު އޮންނަނީ ފެން އަޅައި ފުރައިލެވޭ ޙައުޟެއް ފަދައިން. އެހެންކަމުން އަޅުގަނޑުމެންނަށް އެނގޭ، އެ ތަނަކީ ފެން ބޮޑުވުމުގެ ހާދިސާއެއް ހިނގުން އެކަށީގެންވާ ތަނެއް ކަން." ތާރީޚު އިލްމުގެ ޕްރޮފެސަރެއް ކަމުގައިވާ އުސްތާޒު ފައުޒީ އޫޒްދުމީރް ވިދާޅުވިއެވެ.
"އެ ޠޫފާނު ފޮނުއްވުނީ ހަމަ އެކަނި ނޫޙުގެފާނުގެ ގައުމުގެ މީހުން ދިރިއުޅުނު ސަރަޙައްދަށް. އެއީ އުރެދުނު މީހުންނަކީ. އުރެދުނު މީހުންނަށް އެކަނި ފޮނުއްވި އަޒާބެއް އެއީ." ޑރ. ޒަޣުލޫލު އައްނައްޖާރު ވިދާޅުވިއެވެ.
"އެ ޠޫފާނަކީ ނޫޙުގެފާނުގެ ޒަމާނުގައި އަދި އެކަލޭގެފާނުގެ ގައުމު ވަޒަންވެރިވެގެން ތިބި ސަރަޙައްދަށް ފޮނުއްވުނު ޠޫފާނެއް." އަޙްމަދު އަލްކުބައިސީ ވިދާޅުވިއެވެ.
ނާކޮޅުގެ ސަރަހައްދުގައި ތުރުކީން ވަނީ ޒިޔާރަތް ކުރާ މީހުންނަށް ޓަކައި ދާރުލްއާސާރެއް ގާއިމު ކޮށްފައެވެ. އެ ތަނުގައި ނާކޮޅުގެ ނަމޫނާތަކާއި ނާކޮޅުގެ ލަކުޑިތައް ކަމަށް ބެލެވޭ ބައެއް ލަކުޑި ވެސް ބަހައްޓައިފައި ހުރެއެވެ.
ނޫޙުގެފާނަށް ނިސްބަތް ކުރެވޭ އާސާރުތައް ނުބުއްވަތުގެ އެހެން ބިންތަކުގައި ވެސް އެބަ ހުށްޓެވެ. އެހެންނަމަވެސް ނާކޮޅާ ބެހޭ ގޮތުން އެންމެ ޞައްޙަކޮށް ފެންނަނީ ތުރުކީގައި ހުރި އާސާރުތަކެވެ. އެހެނީ ޖޫދީ ފަރުބަދަ ހުރީ އެ ސަރަޙައްދުގައެވެ.

އުރުދުންގެ ކަރަކުގައި ހުންނަ ނޫޙުގެފާނުގެ މަޤްބަރާ ކަމަށް ބުނެވޭ މަޤްބަރާ
އުރުދުންގެ ދެކުނުގައި އޮންނަ ކަރަކް ސަރަޙައްދުގެ އަހުލުވެރީން ބުނާ ގޮތުގައި ނޫޙުގެފާނުގެ ނާކޮޅު ގަރާރު ވީ ފަރުބަދަ ހުންނަނީ ކަރަކް ސަޙައްދުގައެވެ. ނޫޙު ޢަލައިހިއްސަލާމު ފަސްދާނު ލެވިފައި ވަނީ މި ސަރަޙައްދާ ވަރަށް ގާތުގައި ކަމަށް ބުނެވެއެވެ. އުސްމާނީ ޚިލާފަތުގެ ދުވަސްވަރުގައި ވަނީ ނޫޙުގެފާނުގެ މަޤްބަރާ ކަމަށް ބުނެވޭ މަޤްބަރާގެ މަތީގައި ގުއްބެއް ބިނާ ކޮށްފައެވެ. ތުރުކީގެ ޖަޒީރަތު އިބްނި ޢުމަރުގައި ވެސް ނޫޙުގެފާނަށް ނިސްބަތް ކުރެވޭ މަޤްބަރާއެއް ހުރެއެވެ.
"ކަރަކުގެ ސަރަޙައްދުގެ މެދުގައި ނަވެއްގެ ސިފައަށް ހިލައިން އުސްކޮށް ހުންނަ ތަނެއް ހުރޭ. ވާރޭ ވެހި އެ ސަރަޙައްދުގައި ފެންބޮޑުވުމުން އެ ތަން ހުންނަނީ ފެންގަނޑެއްގެ ތެރޭގައި ހުންނަ ނަވެއް ހެން." އުރުދުންގެ ޢިލްމުވެރިއެއް ކަމަށް ވާ އުސްތާޒު ނާދިރް ޠާހާ ވިދާޅުވިއެވެ.
ކަރަކް ސަރަޙައްދުގެ މީހުން ގަބޫލުކުރާ ގޮތުގައި ޠޫފާނުގެ ވާހަކައިގައި ބަޔާން ކުރައްވައިފައިވާ ތަންނޫރަކީ އެ ސަރަޙައްދުގައި ހުންނަ ތަންނޫރޭ ކިޔޭ އަލިފާން ފަރުބަދައެކެވެ. އެ ފަރުބަދަ ހުންނަނީ ކަރަކްއާ ތިރީސް ފަސް ކިލޯމީޓަރު ދުރުގައެވެ.
"ކަރަކްގެ އަހުލުވެރީން ގަބޫލުކުރާ ގޮތުގައި ކަރަކްގެ ދެކުނުގައިވާ ތަންނޫރަކީ ނޫޙުގެފާނާ ބެހޭ ގޮތުން ޤުރުއާނުގައި އައިސްފައިވާ ވާހަކައިގައި ނަންގަނެވިފައިވާ ތަންނޫރު. އެހެންކަމުން ޠޫފާނަށް ފަހުގައި ނޫޙުގެފާނުގެ ނާކޮޅު ގަރާރުވީ ކަރަކް ސަރަޙައްދުގައި ކަމަށް މި ހިސާބުގެ އަހުލުވެރީން ގަބޫލު ކުރަނީ." އުރުދުންގެ ޢިލްމުވެރިއެއް ކަމަށް ވާ އުސްތާޒު ނާދިރް ޠާހާ ވިދާޅުވިއެވެ.
ނޫޙުގެފާނު ފަސްދާނު ލެވިފައިވާ ތަނަކާ ބެހޭ ގޮތުން ވެސް ތަފާތު ރިވާޔަތްތަކެއް އެބަ ހުށްޓެވެ. މި ގޮތުން އެކަލޭގެފާނު ފަސްދާނު ލެވިފައި ވަނީ ބައިތު ﷲ އަލްޙަރާމްގައި ކަމަށް ވެސް ބުނެވެއެވެ.
"ނޫޙުގެފާނު ފަސްދާނު ލެވިފައިވަނީ ބައިތު ﷲ އަލްޙަރާމުގައި ކަމަށް ވެސް ބުނެވޭ. ވަރަށް ގިނަ ނަބީބޭކަލުން ބައިތުއްލާހިލްޙަރާމުގައި ފަސްދާނު ލެވިފައިވާ ކަމަށް ބުނެވޭ. ހޫދުގެފާނާއި، ޝުޢައިބުގެފާނާއި، ޞާލިޙުގެފާނު ވެސް ފަސްދާނުލެވިފައިވަނީ އަލްބައިތުލްޙަރާމްގައި ކަމަށް ބުނެވޭ." އިސްލާމީ ތާރީޚުގެ އިލްމުވެރިއެއް ކަމުގައިވާ ޑރ. ޢަބްދުލްމަޤްޞޫދު ބާޝާ ވިދާޅުވިއެވެ.

ތުރުކީގައި ހުންނަ ނޫޙުގެފާނުގެ މަޤްބަރާ ކަމަށް ބުނެވޭ މަޤްބަރާއަށް ދާ މަގު އަންގައިދޭ ފިލައެއް
ނޫޙުގެފާނު ދިރިއުޅުއްވީ އިރާގުގެ ދެކުނުން ފަށައިގެން ތުރުކީގެ ދެކުނާ ހިސާބުގައި ދެ ކޯރުގެ ދެމެދުގައި އޮތް ސަރަޙައްދުގައި ކަން ތާރީޚީ ގޮތުން އެނގެއެވެ. ނޫޙުގެފާނު ފަސްދާނުލެވިފައިވާ ކަމަށް އެންމެ މަޝްހޫރުވެފައި ވަނީ ތުރުކީގެ ޖީޒްރާ ނުވަތަ ޖަޒީރަތު އިބްނި ޢުމަރުގައެވެ. މިއީ އިރާގުގެ އިމާ ވަރަށް ގާތުގައި އޮންނަ ރަށެކެވެ. މިއީ ޠޫފާނުގެ ފަހުން ނޫޙުގެފާނު ދިރިއުޅުއްވި ކަމަށް ބެލެވޭ ރަށެވެ. ނޫޙުގެފާނުގެ ދަރިކަލުން ސާމުގެފާނު ދިރިއުޅުއްވި ކަމަށް ބުނެވޭ ޔަމަނުގެ ޞަންޢާގައެވެ. އެ ރަށަށް ކުރީގައި ކިޔަނީ ވެސް މަދީނަތު ސާމު ކަމަށް ބުނެވެއެވެ.

ތުރުކީގެ ޖީޒްރާގައި ހުންނަ ނޫޙުގެފާނުގެ މަހާނަފުޅު ކަމަށް ބުނެވޭ މަހާނަފުޅު
ނުބުއްވަތުގެ ތާރީޚުގައި ސައްޔިދުނާ ނޫޙު ޢަލައިހިއްސަލާމަށް ލިބިވަޑއިގެންފައި ވަނީ ވަރަށް މަތިވެރި މަޤާމެކެވެ. އެކަލޭގެފާނަކީ ރަސޫލު ބޭކަލުންގެ ތެރެއިން އުލުލްޢަޒްމިގެ އެންމެ ފުރަތަމަ ރަސޫލާއެވެ.