01 Apr 2019, 13:31
ދިއްލީ (އޭޕްރިލް 1): އިންޑިއާގެ އާއްމު އިންތިހާބުގައި އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދެ ގޮނޑިއަށް ވާދަ ކުރައްވާނެ ކަމަށް ކޮންގްރެސް ޕާޓީން އިއުލާންކޮށްފި އެވެ.
ކޮންގްރެސް ޕާޓީގެ އިސް މެމްބަރު އޭކޭ އެންތަނީ ވިދާޅުވި ގޮތުގައި ގާންދީ މިހާރު މެމްބަރުކަން ކުރައްވާ އުއްތަރަ ޕްރަދޭޝްގެ އަމެތީގެ ގޮނޑީގެ އިތުރުން ކެރަލާގެ ވަޔަނާޑްގެ ގޮނޑިއަށް ވެސް ގާންދީ މިފަހަރު ވާދަ ކުރައްވާނެ އެވެ.
"މިއީ [އިންޑިއާ]ގެ ދެކުނުގެ ސްޓޭޓުތަކުގެ އަގުވަޒަންކޮށް އެސްޓޭޓުތަކަށް އިހުތިރާމު ކުރާ ކަމުގެ ހެއްކެއް،" ކޮންގްރެސްގެ ތަރުޖަމާނު ރަންދީޕް ސުރުޖެވަލާ ވިދާޅުވި އެވެ.
ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ކޮންގްރެސް އިން އެފަދައިން ނިންމީ އިންޑިއާގެ ދެކުނުގައި އެޕާޓީއަށް އޮތް ތާއިދު އިތުރު ކުރުމަށެވެ. މިވަގުތު އެ ސަރަހައްދުގައި އެންމެ ބޮޑު ތާއިދެއް އޮތީ އެސްޓޭޓުތަކުގެ ޕާޓީތަކަށެވެ. ނަމަވެސް ޓަމިލް ނާޑޫ އައި ކެރަލާ ފަދަ ސްޓޭޓުތަކުގެ ރައްޔިތުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވުރެ ބޮޑަށް ރާހުލް ގާންދީއަށް ތާއިދު ކުރާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ކޮންގްރެސްއާ އިދިކޮޅު ޕާޓީތަކުން ވަނީ ގާންދީ ދެ ގޮނޑިއަށް ވާދަ ކުރައްވަނީ އަމެތީގެ ގޮނޑި ކާމިޔާބު ނުކުރެވިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެފަ އެވެ. ދެހާސް ސާދަ ވަނަ އަހަރުގެ އާއްމު އިންތިހާބުގައި ގާންދީ އެގޮނޑި ކާމިޔާބު ކުރެއްވީ 100،000 ވޯޓުގެ ތަފާތަކުންނެވެ. އަދި އެއީ ކުޑަަ ތަފާތެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެ އެވެ. އެ އިންތިހާބުގައި ގާންދީއާ އެންމެ ގާތުން ވާދަ ކުރެއްވި ބީޖޭޕީގެ ކެންޑިޑޭޓު ސުމްރިތީ އިރާނީ މިފަހަރު ވެސް އަމޭތީގެ ގޮނޑިއަށް ވާދަ ކުރައްވާނެ އެވެ.
އިންޑިއާގެ ގާނޫނު އަސާސީގައިވާ ގޮތުން އެއް ކެންޑިޑޭޓަކަށް ގާނޫނު ހަދާ މަޖިލީހުގެ ދެ ގޮނޑިއަށް ވާދަ ކުރެވޭނެ އެވެ. އަދި ދެ ގޮނޑި ވެސް ކާމިޔާބުވެއްޖެ ނަމަ އޭގެ ތެރެއިން އެއް ގޮނޑި ދޫކޮށްލަން ޖެހޭނެ އެވެ. އަދި ދޫކޮށްލާ ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަނެއް ބާއްވާނެ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް މެމްބަރުން އިންތިހާބު ކުރަން ވޯޓުލުން ބާއްވާނީ މިމަހުގެ 11އިން ފެށިގެން އަންނަ މަހުގެ 19އާ ހަމައަށެވެ. އަދި އިންތިހާބުގެ ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުން އޮންނާނީ އަންނަ މަހުގެ 23ގަ އެވެ.