ތިން ރަށެށްގެ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ބ. އޭދަފުށީ ބޮޑެތި މަގުތަކާއި ފުވައްމުލައް ސިޓީގެ ރިންގް ރޯޑް އަދި އައްޑޫ ސިޓީ، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމަށެވެ.

އޭދަފުށީ މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އެމްޓީސީސީއާއެކު ސޮއި މިއަދެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.

ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއުއާއި ހުޅުމީދޫ މަގުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އެމްޓީސީސީއާ އެކު ސޮއިކުރީ މިދިޔަ ބުދަ ދުވަހު އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓްސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.

ބ. އޭދަފުށީ މަގު ހެދުމުގެ މަޝްރޫއު:

އެމްޓީސީސީ އިން މިއަދު ބުނީ، މި މަޝްރޫއުގެ ދަށުން އެ ރަށުގެ 17،785 ސްކުއާ މީޓަރުގެ ބޮޑެތި މަގުތައް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރާނެ ކަމަށެވެ.

މި މަޝްރޫއުގެ އަގަކީ 19،184،857 ރުފިޔާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ފުވައްމުލައް ސިޓީ ރިންގް ރޯޑް ހެދުމުގެ މަޝްރޫއު:

އެމްޓީސީސީ އިން މިއަދު ބުނީ، މި މަޝްރޫއުގެ ދަށުން އެ ސިޓީގެ 24،300 ސްކުއާ މީޓަރުގެ ރިންގް ރޯޑެއް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރާނެ ކަމަށެވެ.

މި މަޝްރޫއުގެ އަގަކީ 32،042،898 ރުފިޔާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހުޅުމީދޫ މަގު ހެދުމުގެ މަޝްރޫއު:

އެމްޓީސީސީ އިން މިއަދު ބުނީ، މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ، ހުޅުމީދޫގެ 1810 ސްކުއާ މީޓަރުގެ ބަހާއުއްދީން މަގު ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރާނެ ކަމަށެވެ.

މި މަޝްރޫއުގެ އަގަކީ 32،719،384 ރުފިޔާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީއާ ތިން ރަށެށްގެ މަގު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވާއިރު، މިއަދު ޕްލޭންނިން މިނިސްޓްރީން ވަނީ އއ. ހިމަންދޫގެ ބަދަރު ހެދުމަށް ވެސް އެމްޓީސީސީއާއެކު ސޮއި ކޮށްފައެވެ.