02 Apr 2019, 19:44
އޮންލައިންކޮށް ޕޮލިސް ރިޕޯޓަށް އެދެވޭނެ ޕޯޓަލް އެއް އިފްތިތާހުކޮށްފިއެވެ.
މިއީ ކުރިއަށްއޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ ތެރޭގައި ހިމެނޭ ރައްޔިތުންނާއި ގާތުން އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފްކުރި ޕޯޓަލްއެކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ޕޯޓަލް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ މިއަދު އިފްތިތާހުކުރި ޕޯޓަލްއާއެކު ޕޮލިސް ސެޓްފިކެޓް ހޯދުމަށް ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
ޕޮލިސް ސެޓްފިކެޓް ޕޯޓަލް ބޭނުންކުރަންފެށުމާއެކު އޮންލައިކޮށް ސެޓްފިކެޓަށް އެދުމުގެ މަގު ފަހިވެގެންދާނެކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުން މި ހިދުމަތް ބޭނުންވާ ފަރާތްތަކަށް ޒަމާނީ ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް ސެޓްފިކެޓް އެޕްލިކޭޝަން ބަލައިގަތުމާއި ދޫކުރުން އިތުރަށް ފުޅާކުރުމުގެ ގޮތުން މިހާރު މިހިދުމަތްދޭ މަރުކަޒުތަކުގެ އިތުރުން ގަލޮޅު ޕޮލިސް އާއި މާފަންނު ޕޮލިހުން މި ހިދުމަތް ލިބިގެންދާނެކަމަށާއި އިދާރީ ގޮތުން ޕޮލިސް ސެޓްފިކެޓްގެ ހިދުމަތަށް ގެނުވުނު ބަދަލުތަކުގެ ސަބަބުން ޕޮލިސް ސެޓްފިކެޓް ހޯދުމަށް ރައްޔިތުންނަށް ވަރަށްބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް ފުލުހުން ބުންޏެވެ.
މި ޕޯޓަލްއާއެކު ޕޮލިސް ސެޓްފިކެޓު ހޯދުމަށް ހޭދަވާ ވަގުތުގެ 50 ޕަސެންޓު ސަލާމަތްވާނެ ކަމަށް ފުލުހުން ބުންޏެވެ.