03 Apr 2019, 09:15
އަލްޖަޒާއިރު (އޭޕްރިލް 3): އަލްޖީރިއާގެ ރައީސް އަބްދުލްއަޒީޒު ބޫތަފްލީގާއާ ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ބޫތަފްލީގާ އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ ދައުލަތުގެ މީޑިއާ، އޭޕީއެސްއަށް ފޮނުއްވި ސިޓީއެއްގަ އެވެ. އެސިޓީގައި ބޫތަފްލީގާ ވަނީ މަގާމުން ދުރަށްޖެހިވަޑައިގަންނަވަނީ "ގައުމުގެ ރައްޔިތުން ބޭނުންވާ މުސްތަގުބަލަކާ ދިމާލަށް ގައުމު ގެންދިޔުމަށް ފުރުސަތު ދެއްވުމަށް" ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމު މިހާރު އޮތް ހާލަތު އިތުރަށް ގޯސްވުން ހުއްޓުވުމަށް ކަމަށް ވިދާޅުވެފަ އެވެ.
ބޫތަފްލީގާއާ ދެކޮޅަށް އެތައް ހާސް މީހުން މުޒާހަރާ ކުރަން ފެށީ ވެރިކަމުގެ ފަސް ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އޭނާ އިއުލާން ކުރެއްވުމުންނެވެ. އޭގެ ފަހުން ބޫތަފްލީގާ ވަނީ އެބަސްފުޅު އަނބުރައި ގެންދެވުމަށް ފަހު، މިމަހުގައި ބާއްވަން އޮތް ރިޔާސީ އިންތިހާބު ލަސް ކުރައްވައިފަ އެވެ.
ނަމަވެސް އޭގެ ސަބަބުން ބޫތަފްލީގާއާ ދެކޮޅަށް ކުރާ މުޒާހަރާތައް އިތުރުވި އެވެ. އަދި ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ އަހުމަދު ގައިދު ސަލާހް ވަނީ ބޫތަފްލީގާއަށް މަގާމުގެ މަސްއޫލިއްޔަތު ނުއުފުއްލެއްވޭ ކަމަށް ކަނޑައަޅައި، މަގާމުން ދުރުކުރުމަށް ގޮވާލައްވާފަ އެވެ.
އަލްޖީރިއާގެ ރައީސްކަމަށް ބޫތަފްލީގާ ވަޑައިގެންނެވީ 1999ވަނަ އަހަރުއެވެ. އޭނާގެ ރިޔާސީ ތިންވަނަ ދައުރުގެ ތެރޭގައި ސްޓްރޯކެއް ޖެހިވަޑައިގެން ބޫތަފްލީގާ އުޅުއްވަން ޖެހިވަޑައިގެންފައިވަނީ ފުރޮޅުލީގޮނޑިއެއްގަ އެވެ.