އަލަށް ވަޒީފާއަށް ގެންނަ ބިދޭސީންނަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވެވޭނެ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހަދައިފިއެވެ.

ރާއްޖެއަށް އަލަށް ވަޒީފާއަށް ގެންނަ ބިދޭސީންނަށް މީގެ ކުރިން އެތެރެވެވެނީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއިންނެވެެ. ނަަމަވެސް ވާކް ވިސާ ލިބިފައިވާ ފަރާތްތަކަށް ރާއްޖެއިން ފުރުމާއި އެތެެރެވުމުގެ އިންތިޒާމް މީގެ ކުރިންވެސް ހަމަޖައްސައިފައިވެއެވެ.

އިމިގްރޭޝަނުން ބުނީ އަލަށް ވަޒީފާއަށް ގެންނަ ބިދޭސީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ގެންނަން ޖެހުމުން އައްޑޫގެ ރައްޔިތުންނަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ އެކަމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށެވެ.

"ބިދޭސީ މަސައްކަތްތެރިން އައްޑުއަށް ގެނައުމަށް ޓިކެޓްގެ ހަރަދާއި މާލޭގައި މަޑުކުރަން ޖެހިއްޖެނަމަ ގެސްޓު ހައުސްއަށާއި ކެއުަމަށް ހިނގާ ހަރަދު ހިމެނެއެވެ. އަދި މިކަމުގެ ސަބަބުން މާލީ ދަތިތަކާއި ކުރިމަތިވަމުން ދިއުމާއި ގުޅިގެން އައްޑޫގެ ރައްޔިތުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ." އިމިގްރޭޝަނުގެ ބަޔާނުގައި ވެއެވެ.

އިމިގްރޭޝަންގެ މަގުސަދަކީ އެތަނުން ދޭ ހިދުމަތްތައް ރައްޔިތުން ގަބޫލުކުރާ ފެންވަރަށް ގެނެސް ލުއި ފަސޭހަގޮތް ހެދުން ކަމަށްވެސް އެ މުވައްސަސާއިން ބުންޏެވެ.