03 Apr 2019, 21:12
އދ. މަޖިލިސް (އެޕްރީލް 3) : އުތުރުކޮރެޔާއިން ނިއުކްލިޔާ ހަތިޔާރު ނައްތާލުމުގެ އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ އެގައުމަށް ނިއުކްލިޔާ އިނިސްޕެކްޓަރުން ފޮނުވަން ތައްޔާރަށް އޮތް ކަމަށް ނިއުކްލިޔާ ހަކަތައާ ބެހޭ ބައިނަލްއަގްވާމީ އިދާރާ (އައިއޭއީއޭ) އިން ބުނެފި އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އައިއޭއީއޭގެ ޑިރެކްޓަރު ޖެނެރަލް ޔުކިޔާ އަމާނޯ ވިދާޅުވީ އުތުރުކޮރެޔާއިން ނިއުކްލިޔާ ހަތިޔާރު ނައްތާލުމަށް ޓަކައި އެގައުމާއި އެމެރިކާ ފަށާފައިވާ ވާހަކަތައް ކާމިޔާބު ވެއްޖެ ނަމަ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާގައި އުތުރު ކޮރެޔާ ބައިވެރިވާނެ ކަމުގެ އުންމީދު ބޮޑުކަމުގަ އެވެ. އުތުރުކޮރެޔާގެ ނިއުކްލިޔާ ހަތިޔާރު ނައްތާލުމުގެ ކަންތައްތައް ބަލައި އޮބްޒާވް ކުރުމުގެ މަސައްކަތް އައިއޭއީއޭ އަށް ފެށޭނީ އެހިސާބުން ކަމަށް އަމާނޯ ވިދާޅުވި އެވެ.
އުތުރު ކޮރެޔާއަކީ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމަކަށް ނުވާތީ އެގައުމުގެ ނިއުކްލިޔާ ކަންތައްތައް ބަލައި ފާސްކުރުމަކީ އައިއޭއީއޭ އަށް މެންޑޭޓް ލިބިފައިވާ ކަމެއްނޫނެވެ. މިމެންޑޭޓް އައިއޭއީއޭ އަށް އޮންނަނީ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކާ މުއާމަލާތް ކުރުމުގައި އެކަންޏެވެ.
އެމެރިކާ އާއި އުތުރުކޮރެޔާގެ ވާހަކަތައް ލަސްތަކެއްނުވެ، ފެށިދާނެކަމުގެ އުންމީދު އޮތް ކަމަށް ވިދާޅުވެ ޓްރަމްޕާއި ކިމް ދާދިފަހުންވަނީ ވާހަކަ ދައްކަވާފައެވެ. ޓްރަމްޕާއި ކިމްގެ ސަމިޓް ނާކާމިޔާބު ވިނަމަވެސް އުތުރުކޮރެޔާއިން ނިއުކްލިޔާ ހަތިޔާރާއި ބަލިސްޓިކް މިސައިލް ތަޖްރިބާތައް ނުކުރުމަކީ ރަނގަނޅު ފާލެއް ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕް ވަނީ އުތުރުކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރުފިޔަވަޅުތަކެއް މިވަގުތު އެޅުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ވިދާޅުވެ ވަރަށް ފަހުން ބަޔާނެއް ދެއްވައިފަ އެވެ. މީގެ އިތުރުން އޭނާ އާއި އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންގެ މެދުގައި ގާތްގުޅުންތަކެއް އުފެދިފައވާ ކަމަށާ އެގުޅުންތައް ދަމަހައްޓަން ބޭނުންވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. (ރޮއިޓާސް)