04 Apr 2019, 18:35
އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރިޝްވަތުދޭ މައްސަލަ ބޮޑުވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ މަޖިލިސް އިންތިހާބާ ދިމާކޮށް އެކި ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅަމުންދާ ކަމުގެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.
އިންތިހާބާ ބެހޭ އާއްމު ގާނޫނާ ހަވާލާދީ އޭސީސީން ބުނީ އެއްވެސް އިންތިޚާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްގެއްގެ ބޭނުން ކުރީތީ ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެ ކަމަށެވެ.
އަދި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާފަދަ ރިޝްވަތަކަށް ވާގޮތަށް އެއްވެސް ފަރުދަކު އެއްވެސް ކަމެއް ނުކުރުމަށާއި އަދި ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް ހުށަހަޅައިފިނަމަ އެފަދަ ކަންތައް ހުއްޓުވުމަށް ފަރުދީގޮތުން އިސްނެގުމަށްވެސް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ.
އިންތިހާބާ ގުޅިގެން ހިނގާފާނެ ކޮރަޕްޝަންގެ އަމަލަކަށް ފާރަވެރިވުމުގެ ގޮތުންނާއި ފުޅާ ދާއިރާއެއްގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މިހާރު ކުރިއަށްގެންދިއުމުގެ އިތުރުން އެ ކަންތައް ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އޭސީސީން ބުންޏެވެ.