މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި މިއަދު ހަވީރު ހައެއް ޖަހަންދެން ވޯޓުލެވޭ ގޮތަށް ވަގުތު އިތުރުކޮށްފި އެވެ.

އެންމެ ފަހުން ވޯޓުލެވޭނެކަމަށް ކުރިން ކަނޑައަޅައިފައި އޮތީ ހަވީރު ހަތަރެއް ޖަހަންދެންނެވެ. ނަމަވެސް މިހާރު ހައެއް ޖަހަންދެން ވޯޓު ލެވޭނެ ކަމަށް އިލެކްޝަނުން ބުންޏެވެ.

"މި ދުވަސްވަރު މޫސުން ހުރިގޮތުން ހޫނު ގަދަ ވުމުގެ ސަބަބުން ވޯޓުލުމަށް އަންނަ މީހުން މަދުވެދާނެ ކަމަށް ޓަކައި މިއަދު 18:00 އާ ހަަމައަށް ވޯޓުލުން ކުރިއަށް ގެންދާގޮތަށް ކޮމިޝަނުން ނިންމައިފި،" އިލެކްޝަންސް ކޮމިޝަންއިން ނެރުނު ބަޔާނުގައިވެ އެވެ.

މި އިންތިހާބުގައި އެކި ދާއިރާތަކަށް ވޯޓުލުމަށް ޖުމްލަ 501 ވޯޓު ފޮށި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވަނީ ބަހައްޓައިފަ އެވެ. އެންމެ ފަހުން ވޯޓު ލަން ފަށާފައި ވަނީ އިނގިރޭސިވިލާތުގައި ބަހައްޓާފައިވާ ފޮއްޓަށެވެ. އެ ފޮއްޓަށް ވޯޓު ލާން ފެށީ ރާއްޖެ ގަޑިން މިއަދު މެންދުރު 01:30 ގައެވެ.

ވޯޓު ލީ އަދަދަށް ބަލާލާއިރު އިލެކްޝަންސް ކޮމިޝަން އިން ނެރެފައިވާ އެންމެ ފަހުގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 50 ޕަސެންޓް މީހުން ވަނީ ވޯޓުލައިފަ އެވެ. އެގޮތުން މިހާތަނަށް 140،900 މީހުން ވޯޓު ލާފައިވާ އިރު އޭގެ ތެރޭޣައި 73142 ފިރިހެނުންނާއި 67،758 އަންހެނުން ހިމެނެ އެވެ.