ވޮޝިންޓަން (އެޕްރީލް 8): އެމެރިކާގެ ދާޚިލީ އަމަނާބެހޭ ވަޒީރު ކްރިސްޓިން ނެލްސަން މަގާމުން ދުރުކުރަން ގަސްދުކުރައްވާކަން ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކްރިސްޓިން ނެލްސަން ވަރަށް އަވަހަށް މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށާ ކްރިސްޓިންގެ ބަދަލުގައި އެމެރިކާގެ ދާޚިލީ އަމަނާބެހޭ ވަޒީރު ކަމަށް ދެން ޢައްޔަން ކުރައްވާނީ އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާކޮންޓްރޯލްއާ ބެހޭ އިދާރާގެ ވެރިޔާ ކެވިން މެކަލިންން ކަމުގައެވެ.

ޓްރަމްޕް ވަނީ މަގާމުން ވަކިވެ ވަޑައިގަންނަވާ ކްރިސްޓީން ކުރައްވާފައިވާ ޚިދްމަތަށްޓަކައި އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.

ކްރިސްޓިން ނެލްސަން ޓްރަމްޕްގެ ސަރުކާރާ ގުޅިވަޑައިގަތީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޓްރަމްޕް އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކުގައެވެ. ޓްރަމްޕް އެކަމަނާ ފުރަތަމަ އައްޔަން ކުރެއްވީ އެމެރިކާގެ ދާޚިލީ އަމަނާބެހޭ ވަޒީރު ގެ ނައިބު ކަމުގެ މަގާމަށެވެ. އެވުޒާރާގެ ވަޒީރު ކަމުގެ މަގާމަށް ޓްރަމްޕް ޢައްޔަން ކުރެއްވީ ޖޯން ކެލީއެވެ.

ނަމަވެސް އެއަހަރުގެ އޮކްޓޯބަރުމަހު ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ގެ މަގާމަށް ކެލީ ބަދަލުކުރެއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދާޚިލީ އަމަނާބެހޭ ވަޒީރު ކަމަށް ކްރިސްޓިން އައްޔަން ކުރެއްވިއެވެ. ޓްރަމްޕްގެ ސަރުކާރުގައި މަސައްކަތް ކުރުމަކީ ދަތިކަމެއްކަމުން ޓްރަމްޕާ އަރިސް ގިނަ އިސް ބޭފުޅުން ވަނީ ދާއިތުވި ދެއަހަރު ތެރޭގައި ޓްރަމްޕްގެ ސަރުކާރުން އިސްތިއުފާ ދެއްވާފައެވެ.

އެކި ސަބަބުތަކާގުޅިގެން ޓްރަމްޕްގެ ސަރުކާރުން އިސްތިއުފާ ދެއްވި ބޭފުޅުންނާއި ޓްރަމްޕް މަގާމުން ދުރުކުރެއްވި ފޭބުޅުންގެ އަދަދު ދެއަހަރު ތެރޭގައިވަނީ 50 އަށް އަރާފައެވެ.

ޓްރަމްޕްގެ ސިޔާސަތުތަކާމެދު ހިތްހަމަ ނުޖެހިގެން ގިނަބޭފުޅުންތަކެއް އިސްތިއުފާ ދެއްވިނަމަވެސް ކްރިސްޓިން މަސައްކަތްކުރެއްވީ ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑުވިދާޅުނުވެ ޓްރަމްޕްގެ ސަރުކާރުގައި ދެމިހުންނަވައިގެން މަސައްކަތް ކުރެއްވުމަށެވެ. މިގޮތުން މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ފާރު ބިނާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އެމެރިކާގައި ކުއްލި ހާލަތު އިއްލާން ކުރެއްވުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަށްވެސް ކްރިސްޓިން ވަނީ ތާއީދު ކުރައްވާފައެވެ.

ކެތްތެރިކަމާއެކު ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދު ކުރައްވައި ޓްރަމްޕްގެ ސަރުކާރުގައި ކްރިސްޓިން ދެމިހުންނެވި ނަމަވެސް މިފަހަކަށް އައިސް ޓްރްމްޕް ގެންދަވަނީ އެކަމަނާއާމެދު ހިތްހަމަ ނުޖެހޭކަން ހާމަކުރައްވަމުންނެވެ. އަދި މިހާރު ޓްރަމްޕް މިވަނީ އެކަމަނަ މަގާމުން ދުރުކުރައްވަން ގަސްދު ކުރައްވާކަން ހާމަކުރައްވާފައެވެ. (ނޫސްއެޖެންސީތައް)