10 Apr 2019, 15:20
ވ. ކެޔޮދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
މިއަދު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހުއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ.
މި މަޝްރޫއުގެ ދަށުން ކެޔޮދޫގައި 362 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ޖަހައި، 97 މީޓަރުގެ ރިވެޓްމެންޓް ޖަހާނެއެވެ. މީގެއިތުރުން 121 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮއްޓެއްޖަހައި ނެރުބައްތި ޖަހާނެއެވެ. އަދި ބަނދަރުގެ ނެރު ފުންކޮށް ރޭމްޕެއް ހަދައި، އެއްގަމު ތޮއްޓާ އިންވެގެން ޕޭވްމެންޓު ހަދަންވެސް ވަނީ ނިންމައިފައެވެ.
މި މަސައްކަތާއެކު ބަނދަރު ސަރަހައްދުގައި ލައިޓު ޖަހާ ނިންމުމަށް ޖުމްލަ 280 ދުވަސް ދީފައިވާއިރު މި ޕްރޮޖެކްޓުގެ އަގަކީ 29.7 މިލިއަން ރުފިޔާއެވެ.
މި ސަރުކާރު އައިފަހުން ގިނަ ރަށްތަކެއްގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ވަނީ ހަވާލުކޮށްފައެވެ.